ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ”ރައްޔިތުންގެ އަޑު“ ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރު އަށް ދާއިރާއަކަށް މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ މި ފަހަރު ފުރުސަތު ހުޅުވާލާފައިވަނީ ހެންވޭރު އުތުރު ދާއިރާ، މިލަންދޫ ދާއިރާ، ވެލިދޫ ދާއިރާ، ތުޅާދޫ ދާއިރާ، ފެލިދޫ ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ އަދި ގުރައިދޫ ދާއިރާއަށް ކަމަށެވެ.
މި ބައްދަލުވުންތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރައީސް އޮފީހުގެ ޕޯޓަލް (rayyithungeadu.presidency.gov.mv) މެދުވެރިކޮށް، މި މަހުގެ 31 ވާ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން ނަން ނޯޓުކުރަންޖެހެ އެވެ. ބައްދަލުވުންތަކަށް ފުރުސަތު ދިނުމުގައި، އެދޭ މީހުންގެ އަދަދަށާއި ކަނޑައެޅިފައިވާ ވަގުތުގެ އިތުރުން އިދާރީ އިންތިޒާމުތަކަށް ބަލާނެ އެވެ.
އެގޮތުން ބައްދަލުވުމަށް ހާޒިރުވާ ފަރާތާއެކު އެ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާ، އެއް ދަރި އަދި މަންމަ ނުވަތަ ބައްޕަ ބައިވެރިކުރެވޭ އިރު، ކޮންމެ ބައްދަލުވުމަކަށް 10 މިނެޓުގެ ވަގުތެއް ދޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ބައްދަލުވުމުގެ އުސޫލުގައިވާ ގޮތުން، ހުރިހާ ބައިވެރިންވެސް އަދަބުވެރިކަމާއެކު އަމަލުތައް ބަހައްޓަންވާނެ އެވެ. ބިރުދެއްކުމާއި ހުތުރު ބަހުން މުއާމަލާތް ކުރުމާއި މަސްލަހަތު ގެއްލޭ ފަދަ އަމަލުތަކަށް އެއްވެސް ފުރުސަތެއް ނުދޭނެ އެވެ.


