ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފުލުހުންގެ ފަރާތުން މައްސަލަ ހުށަހަޅައިފި އެވެ.
ސައުދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީގެ އޮފީހަށް ހުށަހެޅީ ގދ. ތިނަދޫ ކައުންސިލުން އެ ރަށަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް ގދ. ތިނަދޫ އާބާދީއާއި ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.
ޕީޖީގެ އޮފީހުން މިއަދު ބުނީ, އެ މައްސަލަ މި މަހުގެ 19 ވަނަ ދުވަހު އެ އޮފީހަށް ބަލައިގަނެފައިވާ ކަމަށެވެ. އަދި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށްޓާކައި މައްސަލަ ދިރާސާކުރަމުންދާ ކަމަށްވެސް ބުންޏެވެ.
އެހެންވެ މި މައްސަލައިގައި ސައުދުގެ މައްޗަށް ކުރާނީ ކޮން ދައުވާއެއް ނުވަތަ ދައުވާތަކެއް ކަމެއް އަދި ނޭނގޭނެ އެވެ.
ތިނަދޫ, ސިޓީއެއްގެ ގޮތުގައި ހަމަޖެއްސީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 20 އޮގަސްޓް 2023 ގައެވެ.
ނަމަވެސް ތިނަދޫ, ސިޓީއަކަށް ބަދަލުކުރީ އޮޅުވާލައިގެން ކަމަށް ބުނެ, އެ މައްސަލަ ބަލައިދިނުމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ މަޖިލީހަށާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށްވެސް ހުށަހެޅި އެވެ.


