ބޮސްނިއާގެ 8،000 މުސްލިމުން މަރާލުމުގައި އިސްކޮށް ހުރި މުޖުރިމު ޖަލުގައި އޮވެ މަރުވެއްޖެ

ބޮސްނިޔާ ހަނގުރާމައިގައި މުސްލިމުންނާ ދެކޮޅަށް ގަތުލްއާއްމު ހިންގި ސާބިއާ ސިފައިންގެ ކޮމާންޑަރު ރަޓްކޯ މުލާޑިޗް ޖަލުގައި އޮވެ މަރުވެއްޖެ އެވެ،

ބޮސްނިއާގައި 1992-1995 އަށް ކުރި ހަނގުރާމައިގައި ސާބިއާ ސިފައިން ވަނީ ސްރެބެނިއްޒާގައި، 1995 ވަނަ އަހަރު ބޮސްނިއާގެ 8،000 މުސްލިމުން މަރައިފަ އެވެ. މިއީ ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ޔޫރަޕުގައި ހިންގި އެންމެ ބޮޑު ގަތުލްއާއްމެވެ. މި ގަތުލްއާއްމުގައި އިސްކޮށް ހުރީ މުލާޑިޗެވެ.

ބޮސްނިއާ ހަނގުރާމައަށްފަހު ފިލައިގެން 16 އަހަރު އުޅުމަށްފަހު، 2011 ވަނަ އަހަރު ސާބިއާގެ ރަށްފުށު ސަރަހައްދަކުން އޭނާ އަތުލައިގަނެ، ނެދަލެންޑްސްގެ ސިޓީއެއްގައި ޝަރީއަތް ހިންގުނެވެ. އެގޮތުން އޭނާއާ ދެކޮޅަށް ދަ ހޭގުގެ އދ.ގެ ޓްރައިބިއުނަލަށް ހުށަހެޅި 11 ދައުވާގެ ތެރޭން 10 ދައުވާއެއް ސާބިތުވެ، 2017 ވަނަ އަހަރު އޭނާ އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރި އެވެ. އޭރު އޭނާގެ އުމުރަކީ 74 އަހަރެވެ.

އަދި 2021 ވަނަ އަހަރު އިސްތިއުނާފު މަރުހަލާގައި ވެސް އޭނާގެ މައްޗަށް އިއްވި ހުކުމްތައް ދެމެހެއްޓި އިރު، އޭނާ މަރުވީ އދ. ގެ ބަންދު މަރުކަޒުގެ ހޮސްޕިޓަލުގައި ފުރާނައަށް ނުރައްކާވާ ފަދަ ބަލިތަކަށް ފަރުވާ ދެމުން ދަނިކޮށެވެ.