ހުޅުމާލެ ފޭސް 2 ގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ކުއްޖާގެ ހާލު ސީރިއަަސް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ދެންމެ މީޑިއާތަކަށް ބުނީ، ހުޅުމާލެ ވިނަރެސް ޓަވަރުތައް ހުންނަ ސަރަހައްދުގައި މިރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވީ ނުވަ އަހަރުގެ ދިވެހި އަންހެން ކުއްޖަކަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަށް ބަލާއިރު އެ ކުއްޖާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވި އެވެ. އަދި އެކްސިޑެންޓުވި ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭވެސް ހުއްޓެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ނޭނގެ އެވެ. ފުލުހުންވެސް އެ މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އެކްސިޑެންޓުވި ސަރަހައްދުގައި ސައިކަލެއް ކަހާލައިގެން ވެއްޓިފައި އޮތެވެ.


