އިންޖިނިއަރިންގެ އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށާއި އެ ދާއިރާއިން އެކި ކަހަލަ ދިރާސާތައް ކުރެވޭނެ ގޮތަށް އެންމެ މަތީ ފެންވަރުގެ އިމާރާތެއް ހަދަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ވީޑިއޯ މެސެޖެއްގައި އެ މަނިކުފާނު ވިދާޅުވީ, އިންޖިނިއަރިންގެ ދާއިރާގައި އެކިއެކި މަސައްކަތްތައް ކުރާ ފަރާތްތަކަކީ ވަރަށް ބުރަ މަސައްކަތްތަކެއްކުރާ ބައެއް ކަމަށާއި އެ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރަންޖެހޭ ކަމަށެވެ.
އެ ދާއިރާއިން ރާއްޖެއަށް ވަރަށް ގިނަ ދިވެހިން އިތުރުކުރަންޖެހޭއިރު, އެކަމަށް ސަރުކާރުން އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”މިގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އިންޖިނިއަރިންގެ އެކިއެކި ދާއިރާތަކުން ތަހުލީލުތައް ކުރެވޭ, އެކި ކަހަލަ ރިސާޗްތައް ކުރެވޭ ސްޓޭޓް އޮފް ދަ އާޓް, އެންމެ މަތީ ފެންވަރުގެ ލެބޯޓަރީ ފެސިލިޓީއެއް ހިމެނޭ ގޮތަށް އިމާރާތެއް އެޅުމަށް އަޅުގަނޑު ގަސްދުކުރަން,“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ, އެ އިމާރާތް ހަދާނީ އިންޖިނިއަރިންގެ އެކި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ލިބޭ އަދި ރާއްޖޭން ބޭރުން އަންނަ ދަރިވަރުންނަށްވެސް އެކިއެކި ތަހުލީލުތައް ކުރުމުގެ ފުރުސަތު ލިބޭ ފެސިލިޓީތަކާއެކުގައި ކަމަށެވެ.
”މިކަން ކުރުމަށްޓަކައި ބޭނުންވާ ފަންނީ މަސައްކަތްތަކާއި އެކަމަށްޓަކައި ބޭނުންވާ އިންވެސްޓްމަންޓުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނަން. މިކަން ކުރިއަށް ގެންދާނީ ސަރުކާރުގެ ބަޖެޓަށް ބުރަބޮޑު ނުވާ ގޮތަކަށް ދެމެހެއްޓެނިވި ގޮތަކަށް,“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ, މި އިމާރާތާއެކު އިންޖިނިއަރިންގެ އެކިއެކި ދާއިރާތަކުން ކިޔަވަން ބޭނުންވާ ކުދިން އިތުރުވެ، އެ ދާއިރާއިން ރާއްޖެ ވަރަށް މަތީ ފެންވަރަކަށް ގެންގޮސްދޭނެ ކަމަށެވެ.


