މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލުމަށް ހަދަމުންދާ ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ބައްލަވާލައްވައި, އެ ބްރިޖުގައި ފައިމަގުގައި މާލެ އިން ވިލިމާލެއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަޑައިގެންފި އެވެ.
މިއަދު ފާހަގަކުރަމުންދާ އިންޖިނިއަރުންގެ ދުވަހާ ގުޅިގެން ބޭއްވި އެ ހަރަކާތުގައި ރައީސް މުއިއްޒާއެކު ބޮޑު ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.
އޭގެ ތެރޭގައި ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ބާލަސުބްރަމާނިއަމް އާއި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ތިލަމާލެ ބްރިޖަކީ މި ވަގުތު ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއުއެވެ. އެ މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވައިދޭ އެންމެފަހު ސެގްމަންޓް މިދިޔަ ހަފުތާގައި ވަނީ ގުޅާލައިފަ އެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި، އެ ގައުމުގެ އެފްކޮންސް ކުންފުނިން ހަދަމުން އަންނަ 6.7 ކިލޯމީޓަރުގެ ތިލަމާލެ ބްރިޖަކީ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ، އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދީފައިވާ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.


