މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅައި އާއްމުކުރާ ރަސްމީ ރޭޓަށްވުރެ އަގުބޮޑުކޮށް ޑޮލަރު ވިއްކައި އިޝްތިހާރު ކުރުން ކުށަކަށް ހަދައި، ބޭރު ފައިސާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މިއީ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރުގެ ރޭޓުން މާރުކުރުމަށް ”ކެޓެގަރީ އޭ“ ގައި ހިމެނޭ ރިސޯޓުތަކަށް ގާނޫނުން ދީފައިވާ އިހުތިޔާރު އުވާލައި، ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު މި މަހުގެ 12 ވަނަ ދުވަހު މަޖިލިހަށް ހުށަހެޅި ބިލެކެވެ.
މި ބިލު މަޖިލީހުން ފާސްކުރީ 26 އޮގަސްޓް 2026ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މި އިސްލާހުގައިވާ ގޮތުން އެއްވެސް ފަރާތަކުން، ބޭރު ފައިސާ ގަނެވިއްކުމަށް އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅައި އާންމުކޮށްފައިވާ ރޭޓް ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން، އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުމަކީ މަނާކަމެއް ކަމަށެވެ.
އެ ކުށުގެ އަދަބަކީ ކުށުގެ ކުޑަބޮޑު މިނަން ބަލައި، 25،000 ރުފިޔާއާއި އެއް މިލިއަން ރުފިޔާ އާއި ދޭތެރޭ އަދަދަކުން ޖޫރިމަނާކުރުމެވެ.
މީގެ އިތުރުން އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓް ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ބޭންޑުގެ ބޭރުންކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއްގައި ބޭރު ފައިސާ ގަނެ ވިއްކުން އިޝްތިހާރު ކުރުމަށްޓަކައި ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި، ނުވަތަ އެކަން ފެތުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކުން ނުވަތަ ޕްލެޓްފޯމަކުން ނުވަތަ އެ ނޫންވެސް ގޮތަކުން އާއްމުކޮށް އެނގޭނެހެން އެ މައުލޫމާތު ހާމަކުރުމާއި ޝާއިއުކުރުމާއި ފެތުރުމާއި ތަކުރާރު ކުރުމާއި ފޯރުކޮށްދިނުމަކީވެސް ކުށެކެވެ.
އެ ކުށުގެ އަދަބަކީ 25،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިނަމާކުރުމެވެ.
މި ގާނޫނުގައި މަނާކަމެއް ކަމަށް ކަނޑައަޅާފައިވާ ކަންކަމަށް އަޅާ އިދާރީ ފިޔަވަޅުގެ އިތުރުން އެ ފަރާތަކާމެދު ޖިނާއީ ދައުވާ ކުރެވޭނެ ކަމަށްވެސް ވަނީ ކަނޑައަޅައިފަ އެވެ. ކުށް ކޮށްފައިވަނީ ގާނޫނީ ޝަހުސެއް ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއަކުން ނަމަ އެ ފަރާތެއް 100،000 ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަންވެސް ވަނީ ހިމަނައިފަ އެވެ.
މި އިސްލާހަށް އަމަލުކުރަން ފަށާނީ 1 ސެޕްޓެންބަރު 2026 އިން ފެށިގެންނެވެ.


