ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ ތެލާއި، ގޭހާއި، މަޢުދަނުގެ އިތުރުން ދިރުންނެތް ކަނޑުގެ އެހެނިހެން ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާ ގުޅޭ ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ކެބިނެޓުން މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ކެބިނެޓުން އެގޮތަށް ނިންމެވީ ބައްދަލުވުމުގައި ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެން ކަމަށެވެ.
އެގޮތުން، ރާއްޖޭގެ ސަރަހައްދުން ދިރުންނެތް ގުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާއި އެކަމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި އޯޝަން ރިސޯސަސް މިނިސްޓްރީއާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފެއްޓެވުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، ދިރުންނެތް ކަނޑުގެ ގުދުރަތީ ވަސީލަތްތައް ހޯދައި ނެގުމަށް ހުއްދަ ދިނުމާއި ނަގާ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގެ އިތުރުން، މި ސިނާއަތް ހަރުދަނާކޮށް ރާވައި ހިންގުމާ ގުޅޭ ހާއްސަ ބިލެއް ފަރުމާކުރުމަށްވެސް ކެބިނެޓުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމެވި ކަމަށެވެ.
އަދި ކެބިނެޓުގެ އެ ނިންމެވުމާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ އިގުތިސާދީ މުއްސަނދިކަން ދެނެގަތުމަށާއި އެ ވަސީލަތްތަކުގެ ފައިދާ ގައުމަށް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ ގާނޫނީ އަދި އިދާރީ އަމަލީ މަސައްކަތްތައް މިހާރު ރަސްމީކޮށް ފަށާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.


