އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމަށް ޝިއްޕެ އައްޔަންކުރަން ފާސްކޮށްފި

މުހައްމަދު ޝިފާޒް -- ފޮޓޯ: އަދަދު

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ ނައިބު މާލީގެ މަގާމަށް އެ ޕާޓީގެ ކުރީގެ ނައިބު ރައީސްކަން ކުރެއްވި މުހައްމަދު ޝިފާޒު (ޝިއްޕެ) އައްޔަންކުރަން މިރޭ ފާސްކޮށްފި އެވެ.

އެ މަގާމަށް ޝިއްޕެ އައްޔަނުކުރަން ފާސްކުރީ މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 34 މެންބަރުންގެ ތެރެއިން 30 މެންބަރުންގެ ވޯޓާއެކު އެވެ.

17 ވަނަ މަޖިލީހުގައި ބާރަށު ދާއިރާގެ ކުރީގެ މެންބަރު ޝިއްޕެއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރެކެވެ. ނަމަވެސް ސަރުކާރު ނިމުމުގެ ކުރިން އެ މަގާމުން އޭނާ ވަކިކުރި އެވެ.

އެ ފަހުން ޝިއްޕެ ވަނީ 2023 ވަނަ އަހަރު އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއެކު އެ ޕާޓީން ވަކިވެވަޑައިގެން، ރައީސް ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފަ އެވެ. އަދި އެ ޕާޓީގެ ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ. ޝިއްޕެ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންނެވީ 11 ޖެނުއަރީ 2025 ގައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އަބްދުﷲ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އެ ޕާޓީގެ ކުރީގެ ރައިސް އަބްދުﷲ ޝާހިދުގެ ކެމްޕޭނުގައި ހަރަކާތްތެރިވުމަށެވެ.