ރާއްޖޭގައި ބުޅާ ގެންގުޅެން ހާއްސަ ރަށެއް ތަރައްގީކުރަން ބޭރުގެ ފަރާތަކުން ޕްރޮޕޯސަލްއެއް

ބުޅާތައް ގެންގުޅެން ހާއްސަ ރަށެއް ތަރައްގީކުރުމަށް ބޭރުގެ ފަރާތަކުން ވަރަށް ރަނގަޅު ޕްރޮޕޯސަލްއެއް ލިބިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމް ވިދާޅުވީ, އެ ޕްރޮޕޯސަލްގެ އިވެލުއޭޝަން މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެފަދަ ޕްރޮޕޯސަލްއެއް ހުށަހަޅާފައިވަނީ ކޮން ފަރާތަކުން ކަމެއް ޝިޔާމް ވިދާޅެއް ނުވެ އެވެ.

”ކޭޖުކޮށްފައި ޕެޓް ބެހެއްޓުމަށްވުރެ އަޅުގަނޑުމެން އެންމެންވެސް ލޯބިކުރަން ކެޓްއަށް. ދުނިޔޭގައި އެބަ އޮތް ވަރަށް ބޮޑު ކޮމިއުނިޓީއެއް، ރާއްޖޭ ފަދަ ގައުމެއްގައި މިފަދަ އައިލެންޑެއް ޒަމާނީ ފެސިލިޓީ ތަކާއެކު ހިންގިއްޖެނަމަ މިއީ އިންޓަނޭޝަނަލް ކޮމިއުނިޓީއަށްވެސް ވަރަށް ބޮޑު ޝައުގުވެރިކަމަކަށް ވާނެ,“ ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, މާލެ ސަރަހައްދުގައި ދިމާވެފައިވާ ބުޅަލުގެ މައްސަލައަށް ހައްލެއް ހޯދުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ”އޮޅުހިޔާ“ގައި މި ވަގުތު 281 ބުޅާ ގެންގުޅެމުން އަންނަ ކަމަށެވެ. އެތަން މަރާމާތުކުރުމާއި ބޮޑުކުރުމުގެ މަޝްރޫއުއެއް ހިންގަމުން އަންނަ ކަމަށާއި އެ މަޝްރޫއު ނިމުމުން އެތަނުގައި 500 ބުޅާ ގެންގުޅެވޭނެ ޖާގަ ލިބޭނެ ކަމަށް ވިދާޅުވި އެވެ.