އެފްރިކާގެ އަސްލު ސައިޒު ދައްކުވައިދޭ ދުނިޔޭގެ އާ ޗާޓެއް ބޭނުންކުރަން އދ. އިން ފާސްކޮށްފި

ކުރީއްސުރެ ބޭނުންކުރަމުން އަންނަ ދުނިޔޭގެ ޗާޓުގެ ބަދަލުގައި، އެފްރިކާ ބައްރުގެ އަސްލު ސައިޒު ދައްކުވައިދޭ އާ ޗާޓެއް ބޭނުންކުރަން އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި އެވެ.

ޓޯގޯއިން ހުށަހަޅައި، އެފްރިކަން ޔޫނިއަން (އޭޔޫ) ގެ މެންބަރުން ތާއީދުކުރި ”ކަރެކްޓް ދަ މެޕް“ ގަރާރު ފާސްވީ ފްރާންސް އާއި އިނގިރޭސި ވިލާތް ހިމެނޭހެން 164 ގައުމެއްގެ ތާއީދާއެކު އެވެ. މި ގަރާރާ ދެކޮޅަށް ވޯޓުދިން ހަމައެކަނި ގައުމަކީ އެމެރިކާ އެވެ. އަދި ހަ ގައުމަކުން ވަކިކޮޅަކަށް ވޯޓު ދީފައެއް ނުވެ އެވެ.

އދ. ގެ މި ނިންމުމަކީ ގާނޫނީ ގޮތުން ގަބޫލުކުރުން މަޖުބޫރުކުރާ ނިންމުމެއް ނޫން ނަމަވެސް، މީގެ ސަބަބުން ދުނިޔޭގެ އެކި މުއައްސަސާތަކުން ބޭނުންކުރާ ޗާޓުތަކަށް ބަދަލުތަކެއް އަންނާނެ އެވެ.

މިހާރު ބޭނުންކުރަމުން އަންނަ ”މާކޭޓާ“ ޗާޓަކީ ޔޫރަޕުގެ ދަތުރުވެރިންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުފަތުރު ކުރުމުގައި އެހީތެރިވުމުގެ ގޮތުން، ޗާޓު ކުރަހާ މީހެއް ކަމަށްވާ ޖެރާޑަސް މާކޭޓާ 1569 ވަނަ އަހަރު ކުރެހި ޗާޓެކެވެ.

16 ވަނަ ގަރުނުން ފެށިގެން އެ ޗާޓު ބޭނުންކުރަމުން އައި ނަމަވެސް, އެ ޗާޓުގައި އިކުއޭޓަރު ކައިރީގައިވާ ގައުމުތައް ފެންނަނީ އަސްލު ސައިޒަށްވުރެ ކުޑަކޮށެވެ. އަދި ދުނިޔޭގެ ތަނޑިތަކާ ކައިރީގައިވާ ގައުމުތައް ދައްކައިދީފައިވަނީ ބޮޑުކޮށެވެ.

އެގޮތުން އެފްރިކާއަކީ ގްރީންލޭންޑަށްވުރެ 14 ގުނަ ބޮޑު ބައްރަކަށް ވީއިރުވެސް، މާކޭޓާ ޗާޓުން އެ ދެތަން ދައްކާފައި އޮންނަނީ އެއް ސައިޒެއްގެ ގޮތުގައެވެ.

އެކަން އިސްލާހުކުރުމަށް ޗާޓު ކުރަހާ މާހިރުންގެ ޓީމަކުން 2018 ވަނަ އަހަރު ”އިކުއަލް އާތު ޕްރޮޖެކްޝަން“ ގެ ނަމުގައި ޗާޓެއް ކުރެހި އެވެ. އަދި މިދިޔަ ފެބްރުއަރީ މަހު، އޭޔޫގެ 54 މެންބަރު ގައުމުން އެ ޗާޓު ވަނީ ބަލައިގެންފަ އެވެ.