ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް 77،000 މެންބަރުން ހަމަވީ ރައްޔިތުން ބޭނުންވާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަންކުރައްވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުގައިވެސް ހުންނެވި އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، ޕީއެންސީގައި ތިބީ 3،022 މެންބަރުން ކަމަށެވެ.
”..މިއަދު 77,000 މެންބަރުންނާ ހަމައަށް މި ޕާޓީ މި ދަތުރުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު, ރައްޔިތުން ބޭނުންވާ ގޮތަށް މި ގައުމުގެ ވެރިކަން ކުރާތީ. ރައްޔިތުންގެ އަޑުއަހައިގެން މި ގައުމުގައި ވެރިކަންކުރާތީ. ރައްޔިތުންނާ މަޝްވަރާކޮށްގެން މި ގައުމުގައި ވެރިކަން ކުރާތީ, ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންގެ ކަންކަން ނިންމަވައިދެއްވާތީ, އެހެންވެގެން 77,000 މެންބަރުން މިއަދު ޕީއެންސީގައި މި ތިބީ,“ އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީއެންސީގައި ތިބި މެންބަރުންގެ އަދަދު 77،000 އަރާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އިރު، 2024 ވަނަ އަހަރު ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބަށްފަހު އޭނާ އޭރު ވިދާޅުވީ ޕީއެންސީގެ ދަފްތަރުގައި ހުރި ސައްހަ ފޯމުތަކުގެ ޖުމްލަ މެމްބާޝިޕް މިހާރު 97،000 އަށް އަރާ ކަމަށެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕީއެންސީގައި ތިބީ 67579 މެންބަރުންނެވެ. .


