ވަކި ޕާޓީއަކަށް ތާއީދުކުރުމަކީ އަދަބު ލިބޭނެ ކަމެއް ނޫން، އަދަބުދެވިގެން ވެސް ނުވާނެ: ރައީސް

ކޮންމެ މީހަކުވެސް އެ މީހަކު ނިސްބަތްވާން ބޭނުންވާ ފިކުރެއްގައި ހުންނަންވީ ކަމަށާއި ވަކި ޕާޓީއަކަށް ނުވަތަ ފިކުރަކަށް ތާއީދުކުރުމަކީ އަދަބު ލިބޭނެ އަދި އަދަބުދެވިގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕާޓީ, ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޮންގްރެސް ނިންމުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ, ފުރިހަމަ މާނައިގައި ރާއްޖޭގައި އަދުލުވެރިކަން ގާއިމުކުރައްވާނެ ކަމަށެވެ. އެގޮތުން ކުށްކުރީ ކާކުތޯ އާއި އެއީ ކާކުގެ ދަރިއެއްތޯއާއި ކޮން ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ ނުބަލައި ކުށްކުރި މީހާއަށް ކުށުގެ އަދަބު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

”…އެހެނެއް ނުބަލާނެ. އަދުލުވެރިކަން ފުރިހަމަ ގޮތުގައި ގާއިމުކުރާނެ. އެއީ ހަމަޖެހުން މި ގައުމަށް ގެނެވޭ ގޮތަކީ. ސިޔާސީ ގޮތަކުން ނުބަލާނެ. ސިޔާސީ ގޮތުން ނުބަލާކަން ނޫންތޯ؟ ތިން އަހަރު ވާންދާއިރުގައި އެއްވެސް ސިޔާސީ ވެރިއަކު އެބަހުރިތޯ ޖަލުގައި? ނުހުންނާނެ. މިއީ މި ގައުމު ދުއްކަމެއް ނޫން. މިއީ މި ގައުމު ފަޚުގެ ތާރީހުގައި ދުއްކަމެއް ނޫން. އެއީ ޕީއެންސީއާ އެހެން ޕާޓީތަކާ ހުރި ތަފާތަކީ,“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, ޕީއެންސީން އަދުލުވެރިވަނީ ވެސް, ގައުމުގައި ހަމަޖެހުން ގާއިމުކުރަނީވެސް އިހުލާސްތެރިކަމާއެކުގައި ކަމަށާއި އެއީ އެހެން ޕާޓީތަކާއި ޕީއެންސީއާ ހުރި ތަފާތެއް ކަމަށެވެ.

”ސިޔާސީ ގޮތުން އެއްވެސް ފަރާތެއް ޖަލަކަށް ނުލަން. ސިޔާސީ ކަމަކީ އެ މީހާގެ އަމިއްލަ މިނިވަންކަމެއް. އެ މީހަކު ނިސްބަތްވާން ބޭނުންވާ ޕާޓީގައި ހުންނަންވީ. އެ މީހަކު ނިސްބަތްވާން ބޭނުންވާ ފިކުރެއްގައި ހުންނަންވީ. އެއީކީ އަދަބު ލިބޭނެ ކަމެއް ނޫން. އަދަބުދެވިގެންވާނެ ކަމެއްވެސް ނޫން. އެހެނެއް ނޫން، ޤާނޫނާ ގަވާއިދާ ހިލާފަށް ކަމެއް ކުރުމަކީ އެ މީހާގެ ސިޔާސީ ވިސްނުމާ ގުޅޭ ކަމެއް ނޫން. އެހެންވީމާ، ޢަދުލުވެރިކަން އިރާދަކުރެއްވިއްޔާ ފުރިހަމަ ގޮތުން މި ޤާއިމުކުރަނީ,“ ރައީސް ވިދާޅުވި އެވެ.