ސަރުކާރު ހިންގާ ޕާޓީ, ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަކީ ރާއްޖޭގައި ބިނާކުރަނިވި ފިކުރު ގެންގުޅޭ ހަމައެކަނި ޕާޓީ ކަމަށާއި ދެން މުޅިންވެސް އޮތީ ފަނާކުރަނިވި ފިކުރުގެ ޕާޓީތައް ކަމަށް އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ކޮންގްރެސް ނިންމުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ, މި ސަރުކާރުން ބޭނުންވަނީ ގައުމުގައި ހުރި މައްސަލަތައް ހައްލުކުރަން ކަމަށެވެ. އެކަން ކުރުމަށް ސަރުކާރުން ކުރިއަށްދާނީ ބިނާކުރަނިވި ފިކުރުގައި އަދުލުވެރިކަމާއި އިންސާފުވެރިކަމާއި އިހުލާސްތެރިކަމާއެކު އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.
”އެކަމުގެ ސަބަބުން ބައެއްފަހަރު ސިޔާސީ ގޮތުން ވިސްނާ، ހަމައެކަނި ސިޔާސީ ގޮތުން ވިސްނާ ފަރާތްތަކުން ތާއީދު ކޮންމެވެސް ވަރަކަށް ގެއްލިދާނެ. އެހެންނަމަވެސް، އެއީ އަޅުގަނޑު ފަރުވާލެއް ބަހައްޓާ ކަމެއް ނޫން. ގައުމަށް ފައިދާވަންޏާ އެއީ އަޅުގަނޑު އިސްކުރާ ގޮތަކީ,“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ, ޕީއެންސީއަކީ ދިވެހި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށާއި ގައުމުގެ ކަންކަން ހެޔޮގޮތުގައި ބައްޓަންކުރުމުގައި އިސްކުރަންވީ ޕީއެންސީގެ ފިކުރު ކަމަށެވެ.


