ދުނިޔޭގެ ގައުމުތަކުގެ ވެރިންގެ އަހަރީ ބައްދަލުވުމަށް ނައިބް ރައީސް ނިއު ޔޯކަށް

ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ---

އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން (ޔޫއެންޖީއޭ 81)ގެ ހައި-ލެވެލް ހަފުތާގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި، ރައީސްގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ރޭ އެމެރިކާގެ ނިއު ޔޯކަށް ފުރާވަޑައިގެންފި އެވެ.

ޔޫއެންޖީއޭ 81 އަކީ ދުނިޔޭގެ ގައުމުތަކުގެ ވެރިން ނިއު ޔޯކަށް ވަޑައިގެން ވާހަކަފުޅުދެއްކެވުމަށް ބާއްވާ އަހަރީ ބައްދަލުވުމެކެވެ.

ރައީސްގެ އޮފީހުން ބުނީ، ނައިބް ރައީސްގެ މި ދަތުރުފުޅުގައި، މަތީ ފަންތީގެ ބައްދަލުވުންތަކުގައި ރާއްޖޭގެ ފަރާތުން ރަސްމީ ބަޔާން އިއްވެވުމުގެ އިތުރުން، ދޭދޭ ގައުމުތަކުގެ އިސްވެރިންނާއެކުގައްޔާއި ގިނަ ގައުމުތައް ގުޅިގެން ބާއްވާ ބައްދަލުވުންތަކުގެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެއިތުރުން، އާންމު މަޖިލީހުގެ ބަހުސް ހުޅުވާލުމުގެ ރަސްމިއްޔާތާއި މި ބައްދަލުވުމުގެ ހަވާސާގައި ބާއްވާ ހަފުލާތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ނައިބް ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 26 ސެޕްޓެމްބަރު 2026 ގައެވެ.