8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނު ފަށައިފި

އަށް ހާހަށް ވުރެ ގިނަ ދަރިވަރުންނާއެކު މި އަހަރުގެ އެސްއެސްސީ އަދި އޯލެވެލް އިމްތިހާނު މިއަދު ފަށައިފި އެވެ.

މި އިމްތިހާނު މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި އަހަރުގެ އޯލެވެލް އައިޖީސީއެސްއީ އިމްތިހާނުގައި ޖުމްލަ 8,111 ދަރިވަރުން ބައިވެރިވެފައިވާއިރު، އެޗްއެސްސީ އިމްތިހާނުގައި 7,776 ދަރިވަރުން ބައިވެރިވެ އެވެ.

ހަމައެއާއެކު އިމްތިހާނުގެ ކަންކަން ކުރިއަށް ދަނީ މާލެ ސަރަހައްދުގެ 25 ސެންޓަރެއްގައި 3,222 ދަރިވަރުން އަދި އަތޮޅުތަކުގެ ރަށްރަށުގެ 242 ސެންޓަރެއްގައި 2,869 ދަރިވަރުން ހިމެނޭ ގޮތަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިމްތިހާނު ފެށުމުގެ ގޮތުން މިއަދު ދަރިވަރުން އެންމެ ފުރަތަމަ ހަދާފައި ވަނީ އެޗްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރެވެ.

މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ކޮންމެ ދަރިވަރަކު މަދުވެގެން ހަތަރު މާއްދާއެއް ހެދުން މަޖުބޫރުކޮށްފަ އެވެ. އެއީ އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސި މާއްދާ އެވެ. މި މާއްދާތަކަށް ބޭނުންވާ އިމްތިހާނު ފީ ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިދެނީ ސަރުކާރުގެ ފަރާތުންނެވެ.