ކ. މާފުށީގައި ފުލުހުންނާ މާރާމާރީ ހިންގި ފަސް މީހަކަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީގެ އޮފީސް) އަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ, މި މައްސަލައަކީ މާފުށީގައި ޑުރަގް ގެންގުޅެ, ބޭނުންކުރާކަމުގެ ތުހުމަތުގައި 11 އޮގަސްޓް 2026 ގައި މީހަކު ބަލައިފާސްކުރަމުން ދަނިކޮށް ފުލުހުންގެ ވާޖިބުއަދާކުރުމަށް ހުރަސްއަޅައި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ކަމަށެވެ. އެ މައްސަލައިގައި ހަ މީހަކު ހައްޔަރުކުރި އެވެ.
އޭގެ ތެރެއިން މާރާމާރީ ހިންގި ސީން އިން ހައްޔަރުކުރީ ކ. މާފުށި/ ހެވަން, މުހައްމަދު ޝާބިން ޝުޖާއު (18އ) އެވެ. ނަމަވެސް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު ދޫކޮށްލި އެވެ. އެ މައްސަލަ ހައިކޯޓުގައި ދައުލަތުގެ ފަރާތުން ވަނީ އިސްތިއުނާފުކޮށްފަ އެވެ.
ފުލުހުން ބުނީ, އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެން ހައްޔަރުކުރީ އަބްދުالله ނިހާދު (30އ) އާއި އިބްރާހިމް ސުނީޒް (41އ) އާއި އަހުމަދު އަހުނަފް އަސްފާގު އާއި ހަސަން ނަބީލު (32އ) އަދި މުހައްމަދު ޝައިހާން ކަމަށެވެ. އެ އެންމެންނަކީވެސް މާފުއްޓަށް ނިސްބަތްވާ މީހުންނެވެ.
ފުލުހުން ދައުވާކުރަން ފޮނުވާފައިވަނީވެސް މި ފަސް މީހުންނަށެވެ.


