މައްސަލަ ހައްލުނުވެދާނަމަ އީރާން ސުންނާފަތި ކޮށްލައި ނަރަކައަށް ފޮނުވާލެވިދާނެ: ޓްރަމްޕް

އީރާންއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް ހައްލެއް ނުގެނެވި ދިގުލައިގެންދާނަމަ އީރާން ސުންނާފަތިކޮށްލަދެވިދާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދީފި އެވެ.

މެދުއިރުމައްޗާއި ޔޫކްރެއިންގެ ހަނގުރާމަތަކުގެ ސަބަބުން ޓްރަމްޕްގެ ހާރިޖީ ސިޔާސަތަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. އޭގެ އިތުރުން ނޮވެމްބަރު މަހު އެމެރިކާގެ މިޑްޓާމް އިންތިހާބު ބާއްވަން ހަމަޖެހިފައިވާއިރު, ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން އަސްކަރީ ހަމަލާތައް ފެށި ފަހުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ޓްރަމްޕަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދު ވަނީ ދަށަށް ގޮސްފަ އެވެ.

އެހެންވެ އދ. ގެ އާންމު މަޖިލީހުގައި އިއްޔެ ޓްރަމްޕް އިއްވި ތަގުރީރުގެ ބޮޑުބައެއް ހޭދަކުރީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދިފާއުކުރުމަށެވެ. ޓްރަމްޕް ބުނީ, އީރާނަށް އަލުން ހަމަލާދިނުމާ މެދު ނުވަތަ ސުލްހައިގެ އެއްބަސްވުމަކަށް ދިއުމާ މެދު ”ބޮޑު ނިންމުމެއް“ ނިންމަން ޖެހިފައިވާ ކަމަށެވެ.

”އީރާނަށް އެ ގައުމު އަލުން އާރާސްތުކޮށް، ކުރިއަށްވުރެ މާ ފުރިހަމަ ގައުމެއް ބިނާކުރުމުގެ ފުރުސަތު ލިބޭނެ ފަދަ އެއްބަސްވުމެއް ހެދޭނެ ބާވައެވެ? ނުވަތަ، މީހުން މަރައި ގައުމުތައް ސުންނާފަތިކުރުމުގެ ފުރުސަތު ދެން ދުވަހަކުވެސް ނުލިބޭނެހެން، އަވަސް ގޮތެއްގައި އަހަރެން އެ އިސްލާމީ ޖުމްހޫރިއްޔާ ސުންނާފަތިކޮށްލަންވީ ހެއްޔެވެ؟ އެ މީހުން ނަރަކައަށް ފޮނުވާލަންވީ ހެއްޔެވެ؟,“ ޓްރަމްޕް ބުންޏެވެ.

އޭނާ ބުނީ, މިހާތަނަށް ހާސިލުނުވެ އޮތް އީރާނުގެ އެއްބަސްވުން، ނޮވެމްބަރު މަހުގެ އިންތިހާބަށް ފަހު ވަގުތުން އެކުލަވާލެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ފުރިބާރުވެފައިވާ ހޯލެއްގެ ކުރިމަތީގައި ޓްރަމްޕް އެހެން ބުނި އިރު, ތަގުރީރު އަޑުއެހުމަށް ހޯލުގައި އިންނެވީ އީރާނުގެ ވަފުދުގެ އެންމެ މެންބަރެކެވެ.

ޓްރަމްޕްގެ އެ ވާހަކަތަކުގެ ރާގު ބޮޑަށް ހުރީ އޭގެ ކުރިން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޝް ދެއްކެވި ވާހަކަފުޅާ ވަރަށް ބޮޑަށް ހިލާފަށެވެ. ގުޓަރޭޝް ވަނީ ދުނިޔޭގެ ބައިބައިވުންތައް ފުޅާވަމުންދާ ކަމުގެ އިންޒާރު ދެއްވައި، ދުނިޔޭގެ ރައްޔިތުން އެކަކު އަނެކަކަށް ބަރޯސާވެފައިވާ މިންވަރު ފާހަގަކުރައްވައިފަ އެވެ.

އެ ވާހަކައަށް ރައްދުދެމުން ޓްރަމްޕް ބުނީ, އެ ގައުމުން ފެށި ހަނގުރާމައިގެ ސަބަބުން އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ހުރަސްއެޅިފައިވާ ކަމަށާއި މިއީ އެއްބަސްވުންތަކާއި ދޫދިނުންތަކަށްވުރެ ބޮޑަށް، އިންޒާރުތަކާއެކު ބާރުގެ ބޭނުންކޮށްގެން ސުލްހަ ގާއިމުކުރުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.