ހއ. ބާރަށުގައި ރޭގަނޑު 9:00ގެ ފަހުން ކުޑަކުދިން އެކަނި ބޭރަށް ނުކުމެ އުޅުން އެ ރަށު ކައުންސިލުން މަނާކޮށްފި އެވެ.
ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ, މިހާރަކަށް އައިސް އެ ރަށުގައި އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި ސްކޫލް ދަރިވަރުން ރަށުގެ ގޮނޑުދޮށުގައާއި ފިނިމައިޒާންތަކާއި ހޮޓާ/ ކެފޭތަކުގައާއި މީހުންނާ އެކަހެރި ސަރަހައްދުތަކުގައި ރޭގަޑު ވަރަށް ދަންވާންދެން އެއްވެސް ބޭނުމެއްނެތި, މުޖުތަމައު ބަލައިނުގަނެވޭފަދަ އަހުލާގީ, ސުލޫކީ މިންގަނޑުތަކާ ހިލާފަށް ބޭރުގައި އުޅޭކަން ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މިފަދަ ކަންކަމަކީ އިޖުތިމާއީ ގޮތުން އެކަމުގެ ނޭދެވޭ އަސަރުތައްކޮށް އަހުލާގީ އެތައް މައްސަލަތަކެއް ކުރިމަތިވާނޭ ކަންކަމަށްވާތީ, މަދަނީ ޖަމިއްޔާތަކާއި ރަށު ސްކޫލާއި ރަށުގައި ހުރި މުއައްސަސާތަކާއި ކުޑަކުދިން ހިމަނައިގެން ކުރިއަށް ގެންދާ ހަރަކާތްތައް ރާވައި ހިންގާ ކުޅިވަރު އެކެޑަމީތައް ހިންގާ އެކެޑަމީތަކުންވެސް އެ ކަންކަމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށް ބުންޏެވެ.
”އަދި މިއަދު 24 ސެޕްޓެންބަރު 2026 ވީ ބުރާސްފަތި ދުވަހުން ފެށިގެން މުހިންމު އެއްވެސް ބޭނުމެއްނެތި އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި ސްކޫލް ކުދިން ރޭގަނޑު 9:00ގެ ފަހުން ބެލެނިވެރި ފަރާތެއް, ނުވަތަ އެ ކުއްޖެއްގެ ބަދަލުވެރި ފަރާތަކާއެކު ނޫނީ ރަށުތެރޭގައި ހަރަކާތްތެރިވެ އުޅުމަކީ މަނާ ކަމެކެވެ,“ ބާރަށު ކައުންސިލުގެ އިއުލާނުގައިވެ އެވެ.


