ތަރައްޤީވެފައިވާ ޤައުމަކަށްވުމަށް ރާއްޖެއިން ކުރާ ދަތުރުގައި ޗައިނާއަކީ މުހިންމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާގެ 77 ވަނަ ޤައުމީ ދުވަހުގެ މުނާސަބާގައި ރާއްޖޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ޗައިނާއަށް މިދިޔަ އަހަރު ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަކަން ފާހަގަކުރައްވާ މިއީ ހަމައެކަނި ލިއެކިއުމުގެ އޮތް ބަދަލެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ މި ގުޅުން ދިވެހި ރައްޔިތުންގެ ދިރިއުޅުމުން ސިދާ ފެނިގެންދާ ކަމަށެވެ. އަދި ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން އިތުރު ފުރުޞަތުތައްވެސް ފަހިވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ޗައިނާއާއި ރާއްޖެއަކީ ސަރަޙައްދީ ގޮތުން ދުރުގައި އޮތް ދެ ޤައުމު ނަމަވެސް، ދެ ޤައުމުގެ އެކުވެރިކަމަކީ ދޭދޭ ޤައުމުގެ މެދުގައި އޮތް ގުޅުން އެންމެ ބޮޑަށް ދައްކުވައިދޭ ސިފަ ކަމަށެވެ. އަދި ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއް ކަމުގައި ދެކޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ގުޅުން ބިނާވެފައިވަނީ އިޙުތިރާމާއި އިސްތިޤުލާލައި ސުލްހަމަސަލަސްކަމުގެ މައްޗަށާއި ވަން ޗައިނާ ސިޔާސަތުގައި ރާއްޖެ ދެމިއޮތުމުގެ ޔަޤީންކަމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ޚަރިޖީގުޅުމާއި ބެހޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެގުޅުމަކީ ހަމައެކަނި ޚާރިޖީ ބަޔާންތަކެއް ނޫންކަމަށޭވެ. ”އެއީ ލޮލަށް ފެންނަން އޮތް ރައްޔިތުންނަށް ތަޖުރިބާ ކުރެވޭ ގުޅުމެށް. ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް އޭގެ އަސަރުކުރާ ގުޅުމެއް. އަޅުގަނޑުމެން ޤައުމީ ތަރައްޤީގައި،ތަރައްޤީގެ މަސައްކަތުގައި، ރަށްރަށުގެ ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީގެ ތެރެއިން ތަޢުލީމާއި މުވައްސަސާތަކުގެ ފަންނީ ތަމްރީނާއި އެހީތެރިކަމުގެ ތެރެއިން މި ގުޅުން ފެނިގެންދޭ.“ ރައީސް ވިދާޅުވިއެވެ.


