އައްޑޫ ލިންކް ރޯޑް އަލުން ހެދުން: 6 މަސްތެރޭ 2 ވަނަ ކުންފުންޏަށް, މިފަހަރު ޗައިނާ ބަޔަކަށް

އައްޑޫ ސިޓީގެ ލިންކް ރޯޑް އަލުން ތަރައްގީކުރުމުގެ މަޝްރޫއު ހަ މަސް ތެރޭގައި ދެވަނަ ކުންފުންޏާ ހަވާލުކޮށްފި އެވެ.

ޖުމުލަ 12:5 ކިލޯމީޓަރުގެ އައްޑޫ ލިންކް ރޯޑަކީ ނިއުޒިލެންޑްގެ ތަޖުރިބާކާރެއް ކަމަށްވާ ޖޯން ސްމާޓް ޕްލޭންކޮށް, ޑިޒައިންކޮށް, މީގެ 22 އަހަރު ކުރިން ޑެންމާކާއި ލުބުނާންގެ ދެ ކުންފުންޏެއް ގުޅިގެން އުފެއްދި ހޯގާޑް އެންޑްޝުލްޒް އެސްލެބެނާން އިން ތަރައްގީކުރި މަގެކެވެ.

އެ މަގު އޭރު ހެދީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ދިވެހި ސަރުކާރަށް ނެގި 7.9 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުންނެވެ.

ނަމަވެސް އެ މަގު ވަރަށް ބޮޑަށް ހަލާކުވެގެން އެކަމުގެ ޝަކުވާ ބޮޑުވެގެން މި ސަރުކާރުން މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެ މަގު ތަރައްގީކުރަން އާރުޑީސީއާ ހަވާލުކުރި އެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ ތިން އަހަރާއި ނުވަ މަސް ތެރޭގައި ނިންމާ ގޮތަށް 829.8 މިލިއަން ރުފިޔާއަށެވެ.

ނަމަވެސް ސަރުކާރުން މިއަދު ވަނީ އެ މަޝްރޫއުގެ މަސައްކަތް ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ ހަވާލުކޮށްފަ އެވެ.

އެކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ. ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޒޫ ވެއިޑޮންގް އެވެ.

އިންފްރާންސްޓްރަކްޗާ މިނިސްޓްރީން ބުނީ, އެ މަޝްރޫއުގެ ދަށުން ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް ލިންކް ރޯޑް 4 ލޭނަށް ފުޅާކޮށް, ލިންކް ރޯޑުގެ 12.3 ކިލޯމީޓަރުގެ މަގު ތަރައްގީކުރާނެ ކަމަށެވެ.

މި މަޝްރޫއު ޗައިނާ ކުންފުންޏާ ހަވާލުކުރީ ކިތައް މިލިއަން ރުފިޔާއަށް ކަމެއް ސަރުކާރުން ނުބުނެ އެވެ. ނަމަވެސް އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ އާރުޑީސީއާ ހަވާލުކުރި އަދަދަށްވުރެ ބޮޑު އަގުގައި ކަމަށް ބެލެވެ އެވެ.

އެއީ އާރުޑީސީއާ އެ މަޝްރޫއު ހަވާލުކުރީ ހަރަދުކުޑަކުރަން ކަމަށް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މުއްތަލިބް ވިދާޅުވެފައިވާތީ އެވެ.