ފުށިދިއްގަރުފަޅު ހިއްކައިގެން މި ސަރުކާރުން ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫއުގެ ދަށުން އެތަނުގައި ފެނާއި ނަރުދަމާ އަދި މަގުތައް ހެދުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ, އަބޫ ދާބީގެ މަޝްހޫރު ކުންފުނި, އީގަލް ހިލްސްއަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދީގެން ކުރިއަށްގެންދާ މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއުއާ ގުޅޭ ގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ޕީއެސްއެމްގެ ”ނޭޝަން ޗެޓް“ ޕޮޑްކާސްޓުގައި ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ, ރަސްމާލެއަށް އިންވެސްޓްމަންޓްތައް ގެންނަނީ އެތަނުން ދޭން ވައުދުވި އެއްވެސް ގޯއްޗެއް އަދި ފްލެޓެއް ކެންސަލް ކޮށްފައި ނޫން ކަމަށެވެ. އެގޮތުން އެތަނުން އެކި ކެޓަގަރީތަކަށް އެއްކޮށް ކަހަލަ ގޮތަކަށް ގޯތި ދެވޭނެ ކަމަށާއި ފްލެޓް އަޅަން ކަނޑައަޅާފައިވާ ސަރަހައްދުގައި ފްލެޓްވެސް އަޅަން ޖާގަ އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ, މި އަހަރު ނިމުމުގެ ކުރިން ރަސްމާލެއަށް ބޭނުންވާ ބިން ހިއްކައި ނިމުމާއެކު އެތަނުގައި ފެނާއި ނަރުދަމާއާއި ކަރަންޓާއި މަގު ހެދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
”ދެން މުޅި ރަސްމާލޭގެ ފެނާއި ނަރުދަމާއާއި ކަރަންޓާއި މަގުތަކާއި މި ހުރިހާކަމެއްވެސް މާކުރިން އަޅުގަނޑުމެން ނިންމާނެ. ކުރިއަށް އޮތް ހަމަ މި އަހަރު ތެރޭގައި އަޅުގަނޑުމެން މި މަސައްކަތްކުރަނީ މުޅި މަޝްރޫއުގެ މި ދެންނެވި މުޅި ރަސްމާލޭގައި ބިން ހިއްކާ ނިންމެންވާއިރަށް އެތަނުގެ ޔޫޓިލިޓީސް ފެނާއި ނަރުދަމާ، ކަރަންޓު އަދި މަގު ހެދުން ކަންތައްތައްވެސް ކުރަން ބަޔަކާ ހަވާލުކޮށްގެން މަސައްކަތްތައް ފަށަން. ހަމަ ބިން ހިއްކައި ނިމޭ ތަނުން އަންނަ އަހަރުގެ ކުރީކޮޅު. އެހެންވީމާ އެކަހަލަ ގޮތަކަށް ޕްލޭން ކުރެވިގެން އެ ތަނުން ގޯތި ލިބޭ ހުރިހާ އެންމެންނަށް، އެންމެންނަށް ގޯތި އިމާރާތްކުރަން ފަށަން މަގުފަހިކޮށްދިނުމުގެ މަސައްކަތްތައް މި ކުރަނީ,“ ރައީސް ވިދާޅުވި އެވެ.


