ފްލައިދުބާއީގެ ކޯ-ޕައިލެޓް އުޅުނީ ބޯޓު އިޒްރޭލަށް ވައްޓާލަން: ރިޕޯޓް

ދުބާއީން ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ ކޯ-ޕައިލެޓް ---

ފްލައިދުބާއީގެ ބޯޓެއް ހައިޖެކް ކުރަން އުޅުނުކަމުގެ ތުހުމަތު ކުރެވޭ ކޯ-ޕައިލެޓް ރާވާފައި އޮތީ، ތެލް އަވީވްގެ ބެން ގޫރިއަން އެއާޕޯޓަށް ނުވަތަ އެ ސިޓީގެ އުސް އިމާރާތަކަށް އެ ބޯޓު ވައްޓާލަން ކަމަށް އެމެރިކާ އަދި އިސްރާއީލުގެ ރިޕޯޓްތަކުގައި ބުނެފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު 180 އަށްވުރެ ގިނަ ފަސިންޖަރުންނާއެކު ދުބާއީން ފުރައިގެން ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓް FZ1073 ގައި ހިނގި އެ ހާދިސާގައި އޮމާނަށް ނިސްބަތްވާ ކޯ-ޕައިލެޓް ހަމާމް އަލް-ހައްމާމީ ވަނީ ކޮކްޕިޓްގައި ހުރި އެމަޖެންސީ ކޯރާޑިން އެ ފްލައިޓުގެ ކެޕްޓަން ސްމިތު މަޗާރަށް ހަމަލާދީ ޒަހަމްކޮށްލައިފަ އެވެ.

ނަމަވެސް ބޯޓުގައި ތިބި ފަސިންޖަރުން ވަގުތުން އޭނާ ހުއްޓުވި އެވެ. އަދި ބޯޓުން ދަތުރުކުރި އެހެން ކްރޫއެއްގެ އެހީތެރިކަމާއެކު ބޯޓު ސައޫދީ އަރަބިއްޔާއަށް ކުއްލި ހާލަތުގައި ޖެއްސި އެވެ. ޔުނައިޓެޑް އެރަބްެ އެމިރޭޓްސް (ޔޫއޭއީ)ގެ އެޓާނީ ޖެނެރަލް ވިދާޅުވީ، މަސައްކަތް ކުރީ ”ޓެރަރިސްޓް އަމަލެއް“ ހިންގަން ކަމަށެވެ.

އިޒްރޭލުގެ މީޑިއާތަކުން ބުނި ގޮތުގައި، ކެޕްޓަނަށް ހަމަލާދިނުމަށްފަހު ބޯޓު ދުއްވާފައި އިސްރާއީލުގެ ވައިގެ ސަރަހައްދަށް ވަދެ، ބެން ގޫރިއަން އެއާޕޯޓަށް ޖެއްސުމުގެ ހުއްދަ ހޯދަން ގަސްދުކުރި ކަމަށް ކޯ-ޕައިލެޓް ތަހުގީގުގައި އެއްބަސްވެފައިވާ ކަމަށެވެ. އަދި 11 ސެޕްޓެމްބަރު 2001 ގައި އެމެރިކާއަށް ދިން ހަމަލާ ގޮތަށް އެއާޕޯޓަށް ނުވަތަ މެދުތެރޭ ތެލް އަވީވްގެ އުސް އިމާރާތަކަށް ވައްޓާލަން ރޭވި ކަމަށްވެސް އޭނާ ބުނެފައިވާ ކަމަށް އިޒްރޭލުގެ މީޑިއާތަކުން ބުނެފައިވެ އެވެ.

އިޒްރޭލުގެ މީޑިއާތަކުން ބުނެފައިވާ ގޮތުން، ކޯ-ޕައިލެޓް ހަމާމް މީގެ ކުރިންވެސް ވަނީ ތެލް އަވީވަށް ދަތުރުކުރި ފްލައިޓެއް ވައްޓާލަން ރާވައިފަ އެވެ. ނަމަވެސް އެ ބޯޓުގައި ވައްޓާނުލީ އޭނާ ދަންނަ މީހަކު ބޯޓުގައި ހުރުމުން ކަމަށްވެސް އޭނާ ބުނެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ސަލާމަތީ ގޮތުން ބޮޑެތި އިހުމާލުތަކެއް ވަނީ ފާހަގަކުރެވިފަ އެވެ.

އެގޮތުން ފްލައިދުބާއީން ކޯ-ޕައިލެޓް ހަމާމަށް ވަޒީފާ ދިނީ އޭނާގެ ހައްދުފަހަނައެޅި ވިސްނުމާ މެދު ކަންބޮޑުވުންތަކެއް ހުރުމުން، އޮމާން އެއާއިން އޭނާ ބޯޓު ދުއްވުން މަނާކޮށް އިދާރީ ވަޒީފާއަކަށް ބަދަލުކޮށްފައި ވަނިކޮށެވެ. އަދި އޮމާން ފަދަ އިޒްރޭލާއެކު ރަސްމީ ގުޅުމެއް ނެތް ގައުމުތަކުގެ ޕައިލެޓުންނަށް އިޒްރޭލަށް ދަތުރުކުރުމުގެ ހުއްދަ ނޯންނައިރު އެކަން ހިނގި ގޮތާމެދު އިޒްރޭލުގެ އިދާރާތަކުގެ މެދުގައިވެސް ވަނީ ދެބަސްވުން އުފެދިފަ އެވެ.