ތިބި ކޮޓަރިއަށް ވަނީ ބާރުގެ ބޭނުންކޮށްގެން، ޑުރަގް ޓްރެފިކްކޮށް ވިޔަފާރި ކުރާކަމުގެ ތުހުމަތު

ވިލިމާލޭގައި ހިންގި ޑުރަގް އޮޕަރޭޝަންގައި ފިލްމީ ތަރިން ކަމަށްވާ އިސްމާއިލް ޖުމައިއު (ޖުމާ), މުހައްމަދު ވިޝާލް (ރޯމަން), އަހުމަދު އަޒްމީލު (އަޒޭ) އަދި އޭނާގެ ކޮއްކޮ ހައްޔަރުކުރީ އެ މީހުން ތިބި ކޮޓަރިއަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ޑުރަގް ބޭނުންކޮށް، ގެންގުޅެ އޭގެ ވިޔަފާރިކޮށް ޓްރެފިކްކުރާކަމުގެ ތުހުމަތުގައި ޖުމާ, ރޯމަން, އަޒޭ އަދި އޭނާގެ ކޮއްކޮ ޝާހިލް މުހައްމަދު ހައްޔަރުކުރީ އިއްޔެ އެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެ މީހުން 15 ދުވަހަށް ބަންދުކޮށްފަ އެވެ.

އެ ހަތަރު މީހުންގެ ބަންދު އަމުރުގައިވާ ގޮތުން އެ މީހުން ތިބި ކޮޓަރި ފުލުހުން ބާރުގެ ބޭނުންކޮށްގެން ވަތްއިރު, ކޮޓަރީގައި ހުރި މޭޒެއްގެ މަތީގައި ޑުރަގް ހާމައަށް ހުރި ކަމަށް ސީނަށްދިޔަ ފުލުހުން ބުނެފައިވެ އެވެ.

އަދި އެ ކޮޓަރިން ފެނުނު ޖުމުލަ ޑުރަގުގެ ވަގުތީ ބަރުދަނުގައި ޓްރެފިކިން މިންގަނޑަށް އަރާވަރަށް ޑުރަގް ފެނިފައިވާ ކަމަށާއި އެ މީހުންގެ ކުޑަކަމުދާތަކެތި ޑުރަގަށް ޕޮޒިޓިވް ކަމަށްވެސް ބަންދު އަމުރުގައިވެ އެވެ.

އެ ހަތަރު މީހުންގެ ބަންދު އަމުރުގައިވާ ގޮތުން ރޯމަން, އަޒޭ އަދި އޭނާގެ ކޮއްކޮއަކީވެސް ހައްޔަރު/ ބަންދު ރެކޯޑް އޮތް މީހުންނެވެ. ޖުމާގެ އެފަދަ ރެކޯޑެއް ނެތް ކަމަށް އޭނާގެ ބަންދު އަމުރުގައިވެ އެވެ.