ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ އެއާޕޯޓަކަށް ދިން ހަމަލާއެއްގައި 12 މީހުން މަރުވެ، 309 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.
ސައޫދީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައޫދީގެ ހަތަރު މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، އުރުދުން، ފަލަސްތީން، ސޫރިޔާ، ސޫދާން އަދި މިސްރަށް ނިސްބަތްވާ މީހެއް ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.
ސައޫދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ވަނީ މި ހަމަލާއަށް ރައްދު ދޭނެ ކަމަށް ބުނެފަ އެވެ. އަދި މިއީ ހޫޘީން ދިން ހަމަލާއެއް ކަމަށް ތުހުމަތުކޮށް، މިއީ ”ހަނގުރާމައިގެ ޖަރީމާއެއް“ ކަމަށް އެ ކޯލިޝަނުން ވަނީ ސިފަކޮށްފަ އެވެ. ނަމަވެސް މި ހަމަލާގެ ޒިންމާ ހޫތީން އަދި އުފުލާފައެއް ނުވެ އެވެ.
އިއްޔެ ސައުދީއަށް ދިން މި ހަމަލާއަކީ 2015 ވަނަ އަހަރުގެ މޭ މަހުގެ ފަހުން ސައޫދީ އަރަބިއްޔާއަށް އަމާޒުވި އެންމެ ގިނަ ބަޔަކު މަރުވި ހަމަލާ އެވެ.
ޔަމަނުގެ ސައޫދީ ވާގިވެރިވާ ސަރުކާރުގެ ފައުޖުތަކާއި އެ ގައުމުގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލް ކުރަމުންދާ ހޫޘީންނާ ދެމެދު ކުރަމުންދާ ހަނގުރާމަ ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފަ އެވެ.
ރިޔާޟުގެ އެއާޕޯޓަކަށް އިއްޔެ ދިން ހަމަލާގެ އިތުރުން، ސައޫދީގެ އިރުމަތީގައި އޮންނަ ދައްމާމުގެ ކިންގް ފަހަދު އިންޓަނޭޝަނަލް އެއާޕޯޓު ކައިރިއަށް ވެސް އިއްޔެ ވަނީ މިސައިލް ހަމަލާއެއް ދީފަ އެވެ. އެ ހަމަލާތައް ދީފައި މިވަނީ، ހޫޘީން އޭގެ ކުރީ ދުވަހު އެއާޕޯޓަށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭ ގޮތަށް ސައޫދީގެ ތިން މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނިތާ އެއް ދުވަސް ފަހުންނެވެ. އަދި އޮކްޓޯބަރު 6 އަދި 7 ގައި ސައޫދީގެ ދެ އެއާޕޯޓަކަށް ހޫޘީން ދިން ހަމަލާތަކުގައި ވެސް އިތުރު ތިން މީހަކު ވަނީ މަރުވެފަ އެވެ.


