ތިން މީހުން އަރުވައިގެން ސައިކަލު ދުއްވީ މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި މީހެއް!

ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ތިން މީހުން އަރުވައިގެން ސައިކަލު ދުއްވީ މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި މީހެއްކަން އެނގިއްޖެ އެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުގެ ފަތިހު ހުޅުމާލެ ފޭސް 2 ގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވާފައި ދަނިކޮށް, ވަންވޭއާ އެއްގޮތަށް ދުއްވާފައި އައި ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ފަސް މީހަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް އިރު, ދެ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.

އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓުގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް އައި ސައިކަލު ދުއްވަން އިނީ ހ. ލާމިޔާ, އަހުމަދު އުވެއިސް އެވެ. އޭނާއަކީ ގެސްޓް ހައުސްއަކަށް ފޭކް ސްލިޕް ފޮނުވައިގެން ފައިސާ ދެއްކި މައްސަލައެއްގައި މަކަރާއި ހީލަތުގެ ތުހުމަތުކޮށް މި މަހުން ހައްޔަރުކޮށް, ބަންދުކުރަން އަމުރުކުރި މީހެކެވެ.

ކްރިމިނަލް ކޯޓުން މި މަހުގެ އެއްވަނަ ދުވަހު ނެރެފައިވާ އޭނާގެ ބަންދު އަމުރުގައިވާ ގޮތުން, އޭނާ ބަންދުކުރީ 15 ދުވަހަށެވެ. ބަންދުކުރި ސަބަބެއް ކަމަށް ބުނެފައިވަނީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ. އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތު ހަމަވާން އޮތީ އޮކްޓޫބަރު 16 އަށެވެ.

އޭގެ ކުރިން އޭނާ ދޫކޮށްލި ސަބަބާ ގުޅޭ ގޮތުން ފުލުހުން މީޑިއާތަކަށް ބުނީ, އުވެއިސް ދޫކޮށްލީ އޮކްޓޫބަރު ހަވަނަ ދުވަހު ކަމަށެވެ. އެއީ ތަހުގީގަށް އޭނާ ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދަންޖެހޭ ބައި ނިމިފައިވާތީ ކަމަށްވެސް ފުލުހުން ބުންޏެވެ.

ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވަނީ އޭނާ ބަންދުން ދޫކޮށްލި ދުވަހުގެ ރޭ އެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން އުވެއިސްއަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑް އޮތް މީހެކެވެ. އެގޮތުން އޭނާއަކީ ހިޔާ ފްލެޓެއްގައި އަންހެނަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައިވެސް ހައްޔަރުކުރި މީހެކެވެ. އަދި މީގެ ކުރިން ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލަން އެހީވި މައްސަލައެއްގައިވެސް އޭނާ ހައްޔަރުކޮށް, 15 ދުވަހަށް ބަންދުކުރި އެވެ.