ފެނަކަ އުވާލުމުން، އެމްޑީއަކަށް ހުންނެވި އަފީފް ސްޓޭޓް މިނިސްޓަރަކަށް

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ---

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އުވާލައި, ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ދަށަށް ބަދަލުކުރުމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމުގައި ހުންނެވި މުހައްމަދު އަފީފް ހުސެއިން, އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފި އެވެ.

ފެނަކައިގެ ޗެއާމަންކަންވެސް ކުރެއްވި އަފީފު, އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަންކުރީ 27 އޭޕްރިލް 2026 ގައެވެ. އޭނާއަކީ މި ސަރުކާރުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތެވެ.

އަފީފު އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރިކަން ސަރުކާރުން ހާމަނުކުރި ނަމަވެސް އަފީފް ވަނީ އެކަން ’ހަފްތާ‘ އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ބައެއް ރަށްރަށަށް ކަރަންޓާއި ފެނުމުގެ ހިދުމަތް ދޭން ސަރުކާރުން އުފައްދާފައިވާ ފެނަކަ އުވާލައި އެ ކުންފުނި ސްޓެލްކޯއާ އެއްކޮށްލަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ 7 ސެޕްޓެމްބަރު 2026 ގައެވެ.