ކ. ގުރައިދޫގެ ގެއެއްގެ ތެރޭގައި އުފެދުނު ޒުވާބެއްގެ ތެރެއިން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފި އެވެ.
ފުލުހުން ބުނީ، ރޭ 8:36 އެހައިކަންހާއިރު ރިޕޯޓްކުރި އެ ހާދިސާގައި 37 އަހަރުގެ ދިވެހި ފިރިހެނެއްގެ ވާތްފަރާތު މުލައްދަނޑިއަށާއި ކަނާތްފަރާތު އުކުޅުވަޅު ކައިރިއަށް ޒަހަމްވެ، އިތުރު ފަރުވާއަށް އޭނާ މިހާރު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށާފައިވާ ކަމަށެވެ.
އޭގެ އިތުރުން، އެ މާރާމާރީ ހުއްޓުވަން މަސައްކަތްކުރި 34 އަހަރުގެ ދިވެހި ފިރިހެނަކަށްވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ނުދެ އެވެ.
މި މައްސަލައިގެ ތުހުމަތުގައި 50 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.


