ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މިލިއަނެއްހާ ރުފިޔާ ނެގުމަށްފަހު ފައިސާ ނުދީ ހިޔާނާތްތެރިވި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ހިޔާނާތްތެރިވުމުގެ ކުށުގައި ފުލުހުން ހައްޔަރުކުރީ ރާޝިދު ނަމަކަށް ކިޔާ އުމުރުން 39 އަހަރުގެ އިންޑިއާ މީހެކެވެ. އޭނާ މިހާރު ދިރިއުޅޭ އެޑްރެސްގެ ގޮތުގައި ބުނެފައިވަނީ މާލޭގައި ހިންގާ ކެފޭ ޑި މާލެ އެވެ.
އޭނާގެ ބަންދު މަޖިލީހުގައި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ވަނީ އޭނާ ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މިލިއަނެއްހާ ރުފިޔާ ހޯދުމަށްފަހު ފައިސާ ދީފައިނުވާތީ އެކަމާ ގުޅިގެން އޭނާއަށްވެސް އެކިވަރުގެ އަނިޔާކޮށް އޭނާގެ ފުރާނައަށްވެސް ނުރައްކާވެފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލައާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ހައްޔަރުކުރި އިންޑިއާ މީހާ ވަނީ ބަންދު މަޖިލީހުގައި ބުނެފަ އެވެ.
މި މައްސަލައިގައި މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް ޒިހުނީ ނިންމެވީ އޭނާ 15 ދުވަހަށް ބަންދުކުރުމަށެވެ. ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.


