ރިޒާވް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ރާއްޖެއިން ނަގާފައިވާ 30 ބިލިޔަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ މުއްދަތު އެ ޤައުމުން އިތުރުކޮށްދީފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކުރުމަށް އެ ޤައުމުން ނިންމީ ދިވެހި ސަރުކާރާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭއިން މި ސްވޮޕް ފެސިލިޓީ ނަގާފައިވަނީ މި އަހަރުގެ އޭޕްރީލް 23 ގަ އެވެ. ކަރެންސީ ސްވޮޕް ފެސިލިޓީއަކީ ތިން މަހަށް ދޫކުރާ ކުރު މުއްދަތުގެ ފައިނޭސިން ފެސިލިޓީ އެކެވެ. މީގެ ކުރިން ވެސް ސަރުކާރުން ނަގަފައިވާ ކަރެންސީ ސްވޮޕް ފެސިލިޓީތަކުގެ މުއްދަތު ހަ މަހަށް އިތުރުކޮށްދީފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ގާއިމްކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުޕީސް ދޫކުރަން އެއްބަސްވި އެވެ.
2024 އިން 2027 އަށް އެކުލަވާލާފައިވާ މި އެއްބަސްވުމުގެ ދަށުން، އިންޑިއާ ރޫޕީސް ބޭނުންކޮށްގެން ހިންގާ ކަރަންސީ ސްވޮޕްގައި އިންޓްރެސްޓް ރޭޓަށާއި އެހެނިހެން ޝަރުތުތަކަށްވެސް ވަނީ ލުއިތަކެއް ދީފައެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ރިޒާވް ބޭންކު މެދުވެރިކޮށް 1.1 ބިލިޔަން ޑޮލަރުގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައިވާ ކަމަށް ހައިކޮމިޝަނުން ވިދާޅުވިއެވެ.


