ދިވެހި ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު 133 ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.
އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު މުހައްމަދު ނިޝާތު އެވެ. ހުވާކުރުމަށްފަހު ފުލުހުން ވަނީ ހުވާގެ އިގުރާރުގައި ސޮއިކޮށްފަ އެވެ.
ފުލުހުން ބުނީ, މިއަދު އަލަށް ގުޅުނު ފުލުހުންގެ ތެރޭގައި ސްޕެޝަލް ކޮންސްޓެބުލަރީ 64 ފުލުހުން ހިމެނޭ ކަމަށެވެ.
ފުލުހުންގެ ހިދުމަތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް ވަނީ ސްޕެޝަލް ކޮންސްޓަބިއުލަރީގެ މަގާމަށް 29 މީހަކު ހޯދަން އިއުލާންކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައިވާ ގޮތުން އެއީ މާލެ ސަރަހައްދުގައި މަސައްކަތް ކުރުމަށް ހޯދާ މީހުންނެވެ. އެ ވަޒީފާގެ މުސާރައަކީ 17.157 ރުފިޔާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.


