ނައިޖީރިއާއިން ފުރަތަމަ ފަހަރަށް އެބޯލާ ކޭސްއެއް ފެނިފައިވާކަން އެ ގައުމުން ކަށަވަރުކޮށްދީފި އެވެ. ވެރިރަށް އަބޫޖާއިން އެ ކޭސް ފެނިފައިވަނީ ޔުގެންޑާއިން ދަތުރުކުރި އަންހެނެއްގެ ގައިންނެވެ.
ނައިޖީރިއާއިން މި ކޭސް ފެނިފައި މިވަނީ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގައި މި ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައާއި ކެންޔާއިން ވެސް ބައެއް ކޭސްތައް ފެނި، މުޅި ބައްރަށް މި ބަލި ފެތުރިދާނެކަމުގެ ކަންބޮޑުވުން އުފެދިފައިވާ ވަގުތެއްގައެވެ.
ނައިޖީރިއާގެ ފެޑެރަލް މިނިސްޓްރީ އޮފް ހެލްތު އެންޑް ސޯޝަލް ވެލްފެއާއިން ބުނި ގޮތުގައި، އެ އަންހެން މީހާގެ ގައިން ބަލީގެ އަލާމާތްތައް ފެންނަން ފެށީ އޮކްޓޫބަރު ހަތެއްގައި ކަމަށާއި އޭނާ އަބޫޖާގެ އަމިއްލަ ހޮސްޕިޓަލެއްގައި އެޑްމިޓްކުރީ އޮކްޓޫބަރު 11 ގައި ކަމަށެވެ. އޭނާއަށް އެބޯލާ ޖެހިފައިވާކަން އެނގުނީ އޭގެ ފަހުން ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ހެލްތު މިނިސްޓަރު މުހައްމަދު ޕާޓޭ ވިދާޅުވީ، އެ ބަލިމީހާއާ ކޮންޓެކްޓުވި 44 މީހަކު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ފަށާފައިވާ ކަމަށެވެ.
ޑީއާރުސީގައި މެއި މަހުން ފެށިގެން މިހާތަނަށް އެބޯލާ ޖެހުނު މީހުންގެ އަދަދު 9،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، 4،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ބަލީގައި މަރުވެފަ އެވެ.
ޔޫރަޕިއަން ސެންޓަރ ފޮ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލް އިން ބުނާ ގޮތުގައި މިއީ ތާރީހުގައި ވެސް މިހާތަނަށް ރެކޯޑު ކުރެވުނު މިފަދަ ދެވަނައަށް އެންމެ ބޮޑު ވަބާ އެވެ.
މި ބަލި ކޮންޓްރޯލް ކުރުން ދަތިވެފައިވަނީ، ވައިރަހުގެ ”ބުންޑިބުގްޔޯ“ ސްޓްރެއިންއަށް ހުއްދަ ދެވިފައިވާ ވެކްސިނެއް ނުވަތަ ހާއްސަ ފަރުވާއެއް އަދި ނެތުމުގެ ސަބަބުންނެވެ.
ކުރިން ޔުގެންޑާއިން ވެސް އެބޯލާ ކޭސްތަކެއް ރިޕޯޓްކުރި ނަމަވެސް، ފަހުން ވަނީ އެ ގައުމަކީ އެބޯލާއިން ސަލާމަތްވެފައިވާ ގައުމެއްގެ ގޮތުގައި އިއުލާންކޮށްފަ އެވެ.


