ތިން މަސް ދުވަހުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ތައާރަފުކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
’މޯލްޑިވްސް އެކްސްޕޯ 2026’ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ, މެދުފަންތީގެ ވިޔަފާރިތަކަށް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމުގެ ގޮތުން އެފަދަ ވިޔަފާރިތަކަށް އަންނަ މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގޭޓްވޭ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ކުރާ ވިޔަފާރިއެއްކަމުގައިވީ ނަމަވެސް, އެމެރިކާ ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.
އަދި ރެމިޓެންސް މެދުވެރިކޮށް ރާއްޖެއިން ބޭރުން މުދަލާއި ހިދުމަތް ހޯދަން އެ ޑޮލަރު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ, އަންނަ ޖަނަވަރީން ފެށިގެން ކުދި އަދި މެދު ފަންތީގެ ދާއިރާއަށް ހާއްސަ, ޓެކްސް-ފްރީ ޒޯންތަކެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ. ތިން އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ އެ މަސައްކަތުގެ ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓް ފަށާނީ އައްޑޫ ސިޓީން ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
”މި ޒޯންގައި ސަރުކާރުން ދޫކުރާ ބިމުން ފުރަތަމަ އަހަރު ކުލި ނުނެގުމާއި އިންކަމް ޓެކްސް މައާފުވުމުގެ އިތުރުން 20 އިން 30 އަށް ކޯޓާގެ ލުޔެއް ދިނުން ފަދަ ކަންކަން ހަމަޖެހޭނެ,“ ރައީސް ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ ޓެކްސް އޮފްސެޓް ކުރުމާއި ޖީއެސްޓީ ތްރެޝޯލްޑަށް ބަދަލު ގެންނެވުމަށާއި ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާއިން, އެ ފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ކަނޑައިދެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށްވެސް އިއުލާން ކުރައްވައިފަ އެވެ.
އަދި އަންނަ ޖަނަވަރީން ފެށިގެން ޖީއެސްޓީ ރަޖިސްޓްރީ ކުރުމުގެ ޓްރެޝޯލްޑް, އެއް މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރެވޭނެ ކަމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އުފެއްދުންތެރިކަމުގެ ބޭނުމަށް އެތެރެކުރާ ރޯ މެޓީރިއަލުން ނަގާ އިމްޕޯޓް ޑިއުޓީ 0 ޕަސެންޓަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.


