ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑުގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާންގަނޑުގެ 90 ޕަސެންޓް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
ފުނަދޫގައި ހުންނަ ހަމައެކަނި ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވީ މިއަދު ހެނދުނު 8 ޖަހައި އެހައިކަންހާއިރެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި ހދ. ކުޅުދުއްފުށީ ފަޔާ ސްޓޭޝަން އަދި ފުލުހުން ހަރަކާތްތެރިވަމުންދާއިރު, އެމްއެންޑީއެފް އިން ބުނީ ރޯވި އަލިފާންގަނޑު ނިއްވާލުމަށް އަދިވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ, އެ ހާދިސާގައި އެއް ގެއެއް އަނދައި ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު, ކައިރީގައި ހުރި އިތުރު ތިން ގެއަކަށްވެސް އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
އަދި ހާދިސާ ހިނގި ސަރަހައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ, ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގައި ހުރި ގޭގޭގެ މީހުން ރައްކާތެރި އެހެން ގެތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
އެންޑީއެމްއޭ އިން ބުނީ, އެ ހާދިސާގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްގެން ބައެއް ފަރާތްތަކަށް ފުނަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު, ހާލަތު އިތުރަށް ބަލައި މޮނީޓާ ކުރުމުގެ މަސައްކަތް އެ ރަށު ކައުންސިލުން ކުރަމުންދާ ކަމަށެވެ.


