ފުއްގިރި މައްސަލައިގައި ޔާމީނަށް ހުކުމް އިއްވުން ފަސްކޮށްފި

ރައީސް އަބްދުالله ޔާމީން ---

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ އެ ކޯޓުގެ މާދަމާގެ ތާވަލުން ޔާމީންގެ އަޑުއެހުން ވަނީ ނަގައިފަ އެވެ. އަޑުއެހުން ކެންސަލް ކުރި ސަބަބެއް އަދި ދެން ހުކުމް އިއްވާނެ ތާރީހެއް ކްރިމިނަލް ކޯޓުން އަދި ހާމައެއް ނުކުރެ އެވެ.

ގާތްގަނޑަކަށް ހަތަރު އަހަރަށް ދެމިގެންދިޔަ މި މައްސަލައިގައި ދެފަރާތުން ހުށަހަޅަންޖެހޭ ހުލާސާ ބަޔާންތައް ނިމިފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އެއަށްފަހު މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ, މާދަމަގެ ހެނދުނު 9:00 ގައި ހުކުމް އިއްވުމުގެ ޝަރީއަތް ބޭއްވުމަށެވެ.

މި މައްސަލައިގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ދައުލަތުން އުފުލީ ފުއްގިރި ކުއްޔަށް ދޫކުރި މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު އަދި 24.3 މިލިއަން ރުފިޔާ ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓް މެދުވެރިކޮށް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމަށާއި އަދި އެ އެ ރަށް ދޫކުރީ ޔާމީންގެ ސީދާ ނުފޫޒާއި އިރުޝާދުގެ ދަށުން ކަމަށް ބުނެ އެވެ.

މި މައްސަލައިގައި ހަ ފަރާތެއްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް, އެ ހުރިހާ ފަރާތްތަކެއް މިހާރު ވަނީ މައްސަލައިން ސަލާމަތްވެފަ އެވެ.

އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތު އަދި ރިޝްވަތުގެ މެދުވެރިއެއް ކަމަށް ދައުލަތުން ބުނި އަހުމަދު ކްރިކް ރިޒާގެ މައްޗަށް ކުރި ދައުވާތައް ޕީޖީ އޮފީހުން ވަނީ އެކި މަރުހަލާތަކުގައި އަނބުރާ ގެންގޮސްފަ އެވެ.

އޭގެ އިތުރުން ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ކުރި ދައުވާތައް ކޯޓުގައި ސާބިތުނުވުމުން އެ މައްސަލަ އިސްތިއުނާފު ނުކުރަން ދައުލަތުން ވަނީ ނިންމައިފަ އެވެ.