މަހަކު 60,000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން 15 ޕަސެންޓް ކޯ-ޕޭމަންޓް ނަގަން ފެށި ނަމަވެސް ޑޮކްޓަރުންނާއި ޕައިލެޓުން އަދި އިންޖިނިއަރުންގެ އަތުން އެ ޕޭމަންޓް ނުނަގާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.
ދައުލަތުގެ ސިއްހީ އިންޝުއަރެންސް ނިޒާމު, އާސަންދަ ހަރުދަނާކޮށް އިސްރާފު ކުޑަކުރުމުގެ ނަމުގައި މުއްސަނދިން އަތުން ސަރުކާރުގެ ފެސިލިޓީތައް ފިޔަވައި އަމިއްލަ ސިއްހީ މަރުކަޒުތަކުން ހިދުމަތް ހޯދާއިރު 15 ޕަސެންޓުގެ ކޯ-ޕޭމަންޓެއް ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމަށް އަމަލުކުރަން ފަށަން ނިންމާފައިވަނީ 1 ޖަނަވަރީ 2027 ގައެވެ.
ހެލްތް މިނިސްޓްރީން ބުނީ, އާމްދަނީ ބޮޑު ނަމަވެސް, ގައުމަށް ނުހަނު ބޭނުންތެރި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށާއި ހިފެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ބައެއް ފަރާތްތައް އެ އުސޫލުން އިސްތިސްނާކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުން
- ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުން
- އިންޖިނިއަރުންނާއި ސައިންސް ބޭސްޑް ދާއިރާތަކުގެ ފަންނީ މުވައްޒަފުން
އާސަންދަ ކޯ-ޕޭމަންޓް ނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ސަރުކާރުގެ ފެސިލިޓީތައް ފިޔަވައި, އާސަންދަ ސްކީމުގައި ރަޖިސްޓްރީވެފައިވާ އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކާއި ފާމަސީތަކުގެ އިތުރުން އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ހިދުމަތް ދޭ ތަންތަނުންނެވެ.
އަދި ސަރުކާރުގެ ފެސިލިޓީތަކުން ހިދުމަތް ހޯދާއިރު, މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ދަށުން އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ފޮނުވަންޖެހޭ ހާލަތްތަކުގައި ވެސް އެއްވެސް ކޯ-ޕޭމަންޓެއް ނެގުމަކާ ނުލައި ހިދުމަތް ލިބޭނެ އެވެ.


