ކެފޭގައި ރޯވީ ގޭސްފުޅި ގޮވައިގެނެއް ނޫން، ގޭސް އުނދުނުގެ ސަބަބުން!

ހުޅުމާލެ ރުއްގަނޑު އެކެއް ކައިރީގައި ހުންނަ ކެފޭއެއްގައި މިއަދު ރޯވީ ގޭސްފުޅި ގޮވައިގެން ނޫން ކަމަށާއި އެއީ ގޭސް އުނދުނަށް ދިމާވި މައްސަލައަކުން ހިނގި ކަމެއް ކަމަށް އެ ކެފޭގެ ވެރިޔާ ބުނެފި އެވެ.

އެ ކެފޭގެ ވެރިޔާއާ ހަވާލާދީ މޯލްޑިވް ގޭހުން ބުނީ، އެ ކެފޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ ގޭސްފުޅި ގޮވައިގެން ހިނގި ކަމެއް ނޫން ކަމަށެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި މިއަދު ހެނދުނު 10:00 ހާއިރު ހިނގި އެ ހާދިސާގައި އަނިޔާވި ހަތަރު މީހަކު ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެއީ އެ ކެފޭގައި މަސައްކަތްކުރާ ހަތަރު ބިދޭސީންނެވެ.

އަދި ފުލުހުންނާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ސީންއަށް އެޓެންޑުވި އިރު، އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި ހާދިިސާގައި ކެފޭގެ އިމާރާތަށާއި ބަދިގޭގެ ހުރި އެއްވެސް މުދަލަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް ބުންޏެވެ.