ބަޖެޓް 2027: ކުރީގެ ނައިބް ރައީސް ފައިސަލްއަށް އިނާޔަތުގެ ގޮތުގައި 1.1 މިލިއަން!

ނައިބް ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުގެ ބަޖެޓުން އިނާޔަތް ދޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އަންނަ އަހަރުން ފެށިގެން އިނާޔަތް ދޭން ފަށާއިރު, އެކަމަށް އަންނަ އަހަރުގެ ބަޖެޓުގައި 1.1 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން ކުރީގެ ނައިބް ރައީސުންނަށް ފައިސާގެ އިނާޔަތް ދިނުމަށް 400,000 ރުފިޔާ އަދި ބޭސްފަރުވާ ކުރުމަށް 700,000 ރުފިޔާ ހިމަނާފައިވެ އެވެ.

މީގެ ކުރިން ގާނޫނު އޮތް ގޮތުން ކުރީގެ ނައިބު ރައީސުންނަށް އެއްވެސް އިނާޔަތެއް ނުލިބެ އެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް މި ސަރުކާރުން ގެނައި އިސްލާހާއެކު ކުރީގެ ނައިބު ރައީސުންނަށް ކޮންމެ މަހަކު ދައުލަތުން 30,000 ރުފިޔާގެ އިނާޔަތަކާއި އެ ބޭފުޅުންނަށްވެސް ރާއްޖެއާއި ރާއްޖެއިން ބޭރު ގައުމުތަކުން ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

ނަމަވެސް ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށް ބަލާނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަކޮށްފައިވާ ފަރާތެއް ކަމަށް ބުނެފައިވާތީ, އެ ޝަރުތު ހަމަވާ ހަމައެކަނި ބޭފުޅަކީ ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމެވެ.