އިސްރާއީލުގެ ސިފައިން ބަޑިޖަހައި ފަލަސްތީނުގެ 21 މީހަކު ޒަހަމްކޮށްލައިފި

ފަލަސްތީނު ރައްޔިތުން ކޮންމެ ހުކުރު ދުވަހަކު ކުރަމުންދާ މުޒާހަރާގައި އިއްޔެ އެކަނިވެސް އިސްރާއީލުގެ ޔަހޫދީ ސިފައިން ބަޑިޖަހައި ފަލަސްތީނުގެ 21 މީހުން ޒަހަމްކޮށްލައިފިއެވެ.

ޣައްޒާގެ ދެކުނުގައިވާ އިސްރާއީލާއި ފަލަސްތީނު ގުޅޭ ބޯޑަރު ކައިރީގައި ”ގްރޭޓް މާޗް އޮފް ރިޓާންސް“ ގެ ނަމުގައި ކުރިޔަށް ގެންދާ ސިލްސިލާ މުޒާހަރާތަށް ފެށިތާ އަހަރަކާ ގާތްވެފައިވާއިރު، އިއްޔެ އެއީ އެ މުޒާހަރާތައް ބޭއްވި 49 ހަފްތާއެވެ.

އެގޮތުން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ފަލަސްތީނު ރައްޔިތުން ކުރިއަށް ގެންދާ މުޒާހަރާތަކަށް ވެސް އިސްރާއީލުގެ ޔަހޫދީ ސިފައިން ގެންދަނީ ހުރަސްއަޅާއި ބާރުގެ ބޭނުން ކުރަމުންނެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ، އިއްޔެގެ މުޒާހަރާ ތެރެއަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ބަޑީގެ ހަމަލާތަކެއްގައި ފަލަސްތީނުގެ 21 މީހަކު ޒަހަމްވެފައިވާ ކަމަށެވެ.

ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަމުން ގެންދަނީ، ފަލަސްތީނުގެ 8000 އެއްހާ މީހުން އެއްވެ އިއްޔެ ކުރި ހަމަނުޖެހުން ބޮޑު މުޒާހަރާގެ ތެރެއަށް ކަރުނަ ގޭހާއި ބަޑި ޖަހާފައިވަނީ އެފަދަ ކަންކަމާ ކުރިމަތިލާން އޮންނަ ގަވައިދުގެ ތެރެއިން ކަމަށެވެ.

ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާ މިދިޔަ އަހަރުގެ މާޗް 30 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުން ކޮންމެ ހަފްތާއަކު މެދުނުކެނޑި މުޒާހަރާ ކުރަމުންދާއިރު، އިސްރާއީލު ސިފައިން ވަނީ އެމީހުންގެ ރައްކަލަކަށް ކަމަށް ބުނެ މިހާތަނަށް 250 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.

އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭއިރު، ހަމަލާތަކުގައި 23000 އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަހަމްވެ، ބައެއް މީހުން ނުކުޅެދޭ ހާލަށް ގޮސްފައެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ޒަހަމްވި މީހުންގެ އަދަދު 26000 އަށްވެސް އަރާފާނެއެވެ.

އެކަމާ ގުޅިގެން އދ. އިން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތަކާ ދެކޮޅަށް އިސްރާއީލުން އިންސާނިއްޔަތާ ހިލާފު ކުށްތައް ކުރަމުންދާ ކަމަށް ތުހުމަތު ކޮށްފައެވެ.

ލޯތްބާއެކު މިފަހަރު ޣައްޒާގެ ޔަތީމު ކުދިންނަށް ސްކޫލް ބަހެއް ހަދިޔާކުރުމަށް އެހީވެދެއްވާ!

ޣައްޒާގައި ދިރިއުޅޭ ޔަތީމު ކުދިން ސްކޫލަށް ދިއުމަށް އެހީވުމުގެ ގޮތުން ސްކޫލް ބަހެއް ހަދިޔާކުރުމުގެ ކެމްޕެއިނެއް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުން ފަށައިފިއެވެ.

”ލޯތްބާއެކު ޣައްޒާ ސްކޫލް ބަސް“ގެ ނަމުގައި ކުރިއަށް ގެންދާ އެ ކެމްޕެއިންއަކީ އައިއޭސީއިން ކުރިއަށްގެންދާ ލޯތްބާއެކު ސީރީޒްގެ ތެރެއިން ފެށި ކެމްޕެއިނެކެވެ.

އައިއޭސީން ބުނީ، ޣައްޒާގެ ކުޑަކުދިންނަށް 3 ސްކޫލް ބަސް ބޭނުންވާތީވެ، އެ ޖަމިއްޔާގެ ފަރާތުން މަދުވެގެން އެއް ސްކޫލް ބަސް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އެކަމުގައި އެހީތެރިވާން ބޭނުންވާ ފަރާތްތަކަށާއި ހެޔޮ އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނެފައިވެއެވެ.

އެގޮތުން އެ ކެމްޕެއިނަށް އެހީ ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން އެހީ ޖަމިއްޔާގެ ނަމުގައި ބީއެމްއެލް އިސްލާމިކްގައި ހުޅުވާފައިވާ ދިވެހި ރުފިޔާގެ އެކައުންޓް ނަންބަރު، 7770000026261 އަށް ފޮނުވުމަށް އައިއޭސީން އެދެއެވެ.

އަދި މަތީގައިވާ އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު ކޯޑް ވޯޑެއްގެ ގޮތުގައި ”ޣައްޒާ ބަސް“ ޖެއްސެވުމަށްފަހު ފައިސާ ޖަމާކުރުމުން ލިބިވަޑައިގަންނަވާ ސްލިޕްކޮޅު، 9122121 އަށް ވައިބާ ކޮށްދެއްވުމަށް އެ ޖަމިއްޔާއިން އެދެއެވެ.

ފަލަސްތީނުގެ ޣާޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކާމިިޔާބު ގިނަ ކެމްޕެއިންތަކެއް ހިންގާފައިވާ އައިއޭސީ ޖަމިއްޔާއިން ވަނީ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ވެސް ރާއްޖޭގައި ކެމްޕެއިނެއް ހިންގައިފައެވެ.

އޭގެ އިތުރުން ދާދިފަހުން، ޔަމަނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހާއްސަ ކެމްޕެއިނެއް ހިންގައިފައެވެ.

އެ ކެމްޕެއިނުން ޖުމްލަ ޖުމްލަ 2،150،630.56 ރުފިޔާ ލިބިފައިވާ ކަމަށް އައިއޭސީއިން ބުނާއިރު، އެ ފައިސާ މިހާރު ވަނީ އެހީގެ ތަކެތި ބެހުމަށް ޔަމަނުގައި ހަރަކާތްތެރިވަމުންދާ ތުރުކީގެ ޖަމިއްޔާއެއް ކަމަށްވާ އިހާހާ ޖަމިއްޔާއާ ހަވާލުކޮށްފައެވެ.

ބޮލަށް ބަޑިޖަހައި، އިސްރާއީލުން ފަލަސްތީނުގެ އަންހެނަކު ޝަހީދުކޮށްލައިފި

ޣައްޒާ އާއި އިސްރާއީލު ވަކިކުރާ ބޯޑަރު ކައިރިއަށް އެއްވެ ޣައްޒާގެ އެތައްހާސް ރައްޔިތުންނެއް އިއްޔެ މުޒާހަރާކުރަމުންދަނިކޮށް، އިސްރާއީލުގެ ސިފައިން ބަޑިޖަހައި ފަލަސްތީނުގެ އަންހެނަކު ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން އަޝްރަފް އަލް ގަދްރީ ވިދާޅުވީ، އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލާފައިވަނީ އުމުރުން 43 އަހަރުގެ އަމާލް އަލް ތަރަމްސީ ނަމަކަށް ކިޔާ އަންހެނެއް ކަމަށެވެ.

ޣައްޒާ ސިޓީގެ އިރުމަތީ ފަޅީގައި މުޒާހަރާ ކުރަމުންދަނިކޮށް އިސްރާއީލު ސިފައިން އެ އަންހެން މީހާ ޝަހީދުކޮށްލީ ބޮލަށް ބަޑިޖަހައިގެންނެވެ.

މިއީ މިދިޔަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން އިސްރާއީލާ ދެކޮޅަށް ޣައްޒާގެ ރައްޔިތުން ކޮންމެ ހުކުރު ދުވަހަކު ކުރަމުންދާ ސިލްސިލާ ވަރުގަދަ މުޒާހަރާތަކުގައި އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލި ތިންވަނަ އަންހެން މީހާއެވެ.

އަދި މުޒާހަރާތައް ފެށުނުފަހުން އަމިއްލަ ރައްކާތެރިކަމަކަށް ބުނެ އަސްލު ވަޒަން ބޭނުންކޮށްގެން އިސްރާއީލު ސިފައިން ބަޑިޖަހައި މިހާތަނަށް ފަލަސްތީނުގެ 241 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

އަލް ގަދްރީ ވިދާޅުވި ގޮތުގައި، އިއްޔެގެ މުޒާހަރާގެ ތެރެއަށް އިސްރާއީލު ސިފައިން ބަޑިޖަހައި އިތުރު 25 މީހަކު ވަނީ ޒަހަމްކޮށްލައިފައެވެ. އޭގެ ތެރޭގައި މީޑިއާގެ ދެ މެންބަރުންނާއި ޕެރެމެޑިކެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެގެ މުޒާހަރާތައް ކަވަރުކުރި އޭއެފްޕީގެ ޖާނަލިސްޓަކު ބުނެފައިވާ ގޮތުގައި، ޣައްޒާ ސިޓީގެ އިރުމަތީ ފަރާތުގައި އިއްޔެ ކުރި މުޒާހަރާއަކީ ވޭތުވެދިޔަ ހަފްތާތަކަށްވުރެ ވަރުގަދަ މުޒާހަރާތަކެކެވެ.

އެގޮތުން އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާން ވެސް ބުނެފައިވަނީ، ޣައްޒާ އާއި އިސްރާއީލު ވަކިކުރާ ބޯޑަރު ކައިރިއަށް އިއްޔެ ފަލަސްތީނުގެ 13000 މީހުން ޖަމާވެ މުޒާހަރާކޮށްފައިވާ ކަމަށެވެ.