ޑިސެމްބަރ 13, 2024

ރާއްޖެ ނާންނަން ހިތްވަރުދީ އަކްޝޭ ބުނީ: ރާއްޖެއަށް އަބަދުވެސް ތައުރީފު ކުރިން، އެކަމަކު ގައުމު އިސްކުރާނަން

އިންޑިއާއާއި އެ ގައުމުގެ ވެރިންނާއި ރައްޔިތުންނަށް މަލާމާތް ރައްދުވާ ގޮތަށް ދިވެހިންގެ ތެރެއިން ބަޔަކު މީހުން ވާހަކަ ދައްކާތީ، އިންޑިއާގެ ފަތުރުވެރިން ރާއްޖެ ނާންނަން ހިތްވަރުދީ އިންޑިއާގެ މަޝްހޫރު ބަތަލު، އަކްޝޭ ކުމާރު ވާހަކަ ދައްކައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު، ލަކްޝްދީބުގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާންމު ކުރެއްވި ވީޑިއޯއަކާ އެކު ރާއްޖެއާ ދެކޮޅަށް އިންޑިއާގެ ރައްޔިތުން ގެންދަނީ ބޮޑު ކެމްޕެއިނަށް ކުރަމުންނެވެ. އެކަމާ ގުޅިގެން އެކްސްގައި ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި އިންޑިއާގެ ބައެއް ރައްޔިތުންނާއި ޓްރޯލް އެކައުންޓްތަކުގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ދަނީ ބަދަލުކުރަމުންނެވެ.

އަދި ސަރުކާރުގެ ބައެއް އިސް އޮފިޝަލުން ވަނީ އިންޑިއާގެ ބޮޑުވަޒީރަށް މަލާމާތް ރައްދުވާގޮތަށް ޓްވީޓު ކުރައްވައިފަ އެވެ. އެއާއެކު އިންޑިއާގެ އެންމެ މަޝްހޫރު ފިލްމީ ތަރިން ދަނީ ލަކްޝަދީޕް ޕްރޮމޯޓް ކުރުމުގެ ގޮތުން ”އެކްސްޕްލޯ އިންޑިއަން އައިލެންޑްސް“ ހޭޝްޓެގުގައި ކެމްޕެއިނެއް ފަށައިފަ އެވެ.

އޭގެ ތެރެއިން އެއް ތަރިއަކީ މި ފަހުން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި އަކްޝޭ ކުމާރެވެ. ސާޅީސްހަ މިލިއަން ފޮލޮވަރުން ތިބި އަކްޝޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އިންޑިއާގެ ރައްޔިތުން ޗުއްޓީ އަށް ރާއްޖެ ނައިސް އެ ގައުމުގައި ޗުއްޓީ ހޭދަކުރަން ހިތްވަރު ދީފަ އެވެ.

އަކްޝޭގެ ޕޯސްޓުގައި ބުނީ، ރާއްޖޭގެ ފާހަގަ ކުރެވޭ ބައެއް ބޭފުޅުން އިންޑިއާއަށް ރައްދުވާ ގޮތަށް މަލަމާތާއި ފުރައްސާރަކޮށް ވާހަކަ ދައްކާފައި ހުރި ޕޯސްޓުތަކެއް ފެނިފައިވާ ކަމަށެވެ. އަދި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމެއްގެ ރައްޔިތުންނާމެދު އެގޮތަށް ނަފުރަތު އުފައްދައި ވާހަކަ ދައްކާތީ ހައިރާންވާ ކަމަށް ބުންޏެވެ.

”އަހަރެމެންނަކީ އަވައްޓެރިންނަށް ރަނގަޅު ގައުމެއް. އެކަމަކު އެފަދަ ނަފުރަތު ތަހައްމަލު ކުރަންވީ ކީއްވެ؟ އަހަރެން ވަރަށް ގިނަ ފަހަރު ރާއްޖެ ގޮސްފިން. ރާއްޖޭގެ ރީތިކަމަށް އަބަދުވެސް ތައުރީފު ކުރިން. އެކަމަކު [އަމިއްލަ ގައުމުގެ] އިއްޒަތައި ކަރާމާތް އިސްކުރާނަން. އެހެންވީމާ އިންޑިއާގެ ޓޫރިޒަމަށް ހިތްވަރުދީ، އަހަރެމެންގެ ޖަޒީރާ ރަށްތައް އެކްސްޕްލޯ ކުރަން ހިނގާ،“ އަކްޝޭ ބުންޏެވެ.

އަކްޝޭގެ އިތުރުން ސަލްމާން ހާން އާއި ޖޯން އަބްރަހަމް އާއި ޝްރައްދާ ކަޕޫރުގެ އިތުރުން ޓައިގާ ޝްރޮފް އާއި އިންޑިއާގެ ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކަރު ވެސް ވަނީ ލަކްޝަދީޕް ޕްރޮމޯޓް ކުރުމަށް ހިތްވަރު ދީ އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ.