ސެޕްޓެމްބަރ 21, 2024

ރަށްވެހިކަން ބަދަލުކުރާ ނަމަ 5،000ރ. ނަގަން ތިނަދޫ ކައުންސިލުން ނިންމި ނިންމުން ބާތިލުކޮށްފި

ތިނަދޫ މީހުން އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރާ ނަމަ އިދާރީ ފީއަކަށް 5،000ރ. ނަގަން ތިނަދޫ ކައުންސިލުން ނިންމި ނިންމުން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބާތިލުކޮށްފިއެވެ.

މިއަދު ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި ވަނީ ތިނަދޫ މީހުން އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރާ ނަމަ އިދާރީ ފީއަކަށް 5،000ރ. ނަގަން ތިނަދޫ ކައުންސިލުން ނިންމާފައިވާ އެ ނިންމުމަކީ ގާނޫނާއި ހިލާފު ނިންމުމެއް ކަމަށާއި، އެހެންކަމުން އެ ނިންމުން ބާތިލުކޮށްފައިވާ ކަމަށެވެ. އަދި އެކަން ތިނަދޫ ކައުންސިލަށް އަންގާނެ ކަމަށްވެސް އެލްޖީއޭ އިން ވަނީ ބުނެފައެވެ.

ރަށްވެހިކަން ބަދަލުކުރާ މީހުންގެ އަތުން 5،000ރ. ގެ އިދާރީ ފީއެއް ނަގަން ނިންމުމާ ގުޅޭ ގޮތުން ކައުންސިލުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ އެގޮތަށް ނިންމި މައިގަނޑު ސަބަބަކީ ތިނަދޫގެ ރަށްވެހިން އެހެން ރަށްރަށަށް ބަދަލުވުމަކީ އެ ސިޓީގެ އާބާދީގެ ނިސްބަތަށް ނުރަނގަޅު އަސަރު ކުރާތީ ނިންމި ނިންމުމެއް ކަމަށެވެ.