އޮކްޓޯބަރ 5, 2024

ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ މިރޭ 8:00 ގެ ކުރިން އިޢުލާން ކުރެވޭނެ: އީސީ

މިއަދު ކުރިއަށްދާ މާލެ ސިޓީ ކައުންސިލްގެ މޭޔަރާއި އިތުރު ތިން ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ މިރޭ 8:00 ގެ ކުރިން އިޢުލާން ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ މިއަދު ހަވީރު 5:00 އާ ހަމައަށް ކިޔޫތައް ބަންދުކުރާނެ ކަމަށާއި އެވަގުތު މާބޮޑު ކިޔޫއެއް ނެތްނަމަ 5:30 ހާއިރު ވޯޓު ގުނުމުގެ މަސައްކަތް ފަށައި ރޭގަނޑު 8:00 ގެ ކުރިން ވަގުތީ ނަތީޖާ އިޢުލާން ކުރެވޭނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުގެ ބައި އިލެކްޝަންތަކުގެ ވޯޓުލުން ހެނދުނު 8:00 ގައި ވަނީ ފަށައިފައެވެ. ޒަކަރިއްޔާ ވިދާޅުވި ގޮތުގައި މިހާތަނަށް އިންތިޚާބުގެ ހުރިހާ ކަމެއްވެސް ކުރިއަށްދަނީ ވަރަށް އަމާން ކަމާއެކުގައެވެ.

މާލެ ސިޓީ ކައުންސިލް ބައި އިލެކްޝަނުގައި ޖުމްލަ 54،680 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވެއެވެ.