ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން 15 މަރޗްގެ ކުރިން ބާލާ ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުށަޙަޅުއްވާފައިވާ ކަމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ނާޡިމް މިހެން ވިދާޅުވީ ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުންތަކާ ގުޅޭ މަޢުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރައްވަމުންނެވެ.
ނާޒިމް ވިދާޅުވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ އެޖެންޑާއަކަށް ނަންގަވާފައިވަނީ އިންޑިއާ ސިފައިން ރާއްޖެއިިން ބޭލުން ކަމަށެވެ.އެގޮތުން މާރިޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާ ގުޅޭ މަޝްވަރާ މިއަދުގެ ބައްދަލުވުމުގައި ކުރިއަށްދާނެ ކަމަށެވެ. އަދި މިއަދު ފޮރިން މިނިސްޓްރީގައިވެސް ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމާގުޅޭ މަޝްވަރާތައް ދެގައުމުގެ ދެމެދުގައި ކުރިއަށް ގެންގޮސްފައެވެ.
ނާޒިމް ވިދާޅުވީ ރައީސް މުއިއްޒު އަދި އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކީވެސް އިންޑިއާ ސިފައިން ރާއްޖޭގައި ނުބޭތިއްބުންކަމަށެވެ.
ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ވަނީ މިދިޔަ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައިވެސް އިންޑިޔާ ސިފައިން ރާއްޖެއިން ގެންދިޔުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ތިބިކަމަށް މީގެކުރިން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.



