”މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑް“ގެ ނަމުގައި ސަރުކާރުން އިއްޔެ އުފެއްދި ކުންފުންޏަކީ 2040 ވަނަ އަހަރާ ހަމައަށްދާއިރު ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ކުރާ ވަށައިޖެހޭ ތަރައްގީގެ މަސައްކަތުގެ މުހިންމު ދައުރެއް އަދާކުރާނެ ވަސީލަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ކުންފުނީގެ ގާނޫނުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން އެ ކުންފުނި އުފެއްދީ ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަފުފުތައް ބިނާކުރުމާއި އެފަދަ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި މަރާމާތުކުރުމާއި އާބާތުރަ ފިލުވުމާއި މިސްކިތްތަކަށް ވަސީލަތްތައް ގާއިމުކޮށް ތަރައްގީކުރުމަށެވެ.
އޭގެ އިތުރުން އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ހިންގަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށްވެސް ހަވާލުކޮށްފައިވަނީ އެ ކުންފުންޏާއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ, ދީނީކަންކަމަށް ބޮޑެތި ހޭދަކުރުމަށާއި ޒަމާނީ އުސޫލުތަކަށް މިސްކިތްތައް ބިނާކުރުމަށާއި އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ފުޅާކޮށް, އިސްލާމްދީނުގެ ހާއްސަ އެ މަފުހޫމުގެ ތެރެއިން އިޖުތިމާއީ ގައުމީ ކުރިއެރުންތައް ރާއްޖެއިން ދެކެން އެ މަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ.
”ސަބަބަކީ, ވަގުފުގެ މުއާމަލާތުގައި اللهގެ ރުއްސެވުމާޢި ފުއްސެވުން ލިބުން އެބަ ހިމެނޭ. ފަރުދީ ހިތްހަމަޖެހުމާއި އުފާވެރިކަން އެބަ ހިމެނޭ. ގައުމީ އުމްރާނީ ކުރިއެރުމާއި ބިނާވެށީގެ ތަރައްގީ އެބަ ހިމެނޭ. އޭގެ ސަބަބުން ދީނީ ރޫހު އިތުރުވެ, ރޫހާނީ އުންމީދީ އަލިވިލުމަކަށް ދީނުގެ މި ނިޒާމުގެ ތެރެއިން އެތައް ބަޔަކަށް އެބަ ވާސިލުވެވޭ,“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ, ގައުމީ ވަގުފު ކުންފުނި ވެގެންދާނީ ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދީ, ރާއްޖޭގެ ހޭދަޔާއި ހެޔޮކަމުގެ ބުދަން ރަމްޒުކޮށްދޭ ތިލަފަތަކަށް ކަމަށެވެ.


