ރާއްޖޭގެ ރައްޔިތުން އިސްލާމްދީނުގެ ހިދާޔަތުގައި ސާބިތުވެ ތިބޭތާ 900 އަހަރު ވެފައިވާއިރު، މި މުއްދަތުގައި އެއްބައިވަންތަކަމާއި މިނިވަންކަމާ އެކު ރާއްޖެ ދެމި އޮތީ އިސްލާމްދީނުގެ ސަބަބުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ދިވެހީންނަށް އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބެވޭނީ އިސްލާމްދީނުގެ އަސާސްތަކުގައި ހިފަހައްޓައިގެން ކަމަށް މިއަދުގެ ހުކުރު ހުތުާބާގައި ބުނެފި އެވެ.
އިސްލާމްދީނުގައި ސާބިތުވުން މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އިސްލާމްދީނުގެ މަތިވެރި އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށްޓަކައި ޤާނޫނީ ގޮތުންނާއި ސިޔާސީ ފެންވަރުގައްޔާއި ތަޢުލީމީ ނިޒާމުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
އެގޮތުން އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރުމާއި، އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފުނުވާނޭހެން ޤާނޫނުތައް ހެދުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ޝަރީޢަތުގެ ޖިނާއީ، މަދަނީ، ޢާއިލީ އަދި މާލީ ޙުކުމްތަކާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމުގެ މުހިންމުކަން ވަނީ ހަނދާންކޮށްދީފަ އެވެ. އަދި އިންތިޚާބީ މެނިފެސްޓޯތަކުގައި ވެސް ޝަރީޢަތުގެ މަޤުޞަދުތައް ޙިމާޔަތްކުރުމަށް އިސްކަންދޭންޖެހޭ ކަމަށް ބުންޏެވެ.
އިސްލާމީ ޢަޤީދާ ޙިމާޔަތްކުރެވޭނޭ ގޮތަށް ތަޢުލީމީ މަންހަޖު ފަރުމާކޮށް، ދަރީން ތަރުބިޔަތު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، ޤުރްއާނާ ބެހޭ މަރުކަޒުތަކާއި އިސްލާމީ ޔުނިވާސިޓީތަކާއި ކޮލެޖުތައް ޤާއިމުކޮށް، ޙާފިޒުންނާއި އިމާމުން ފަދަ އިސްލާމީ މުޖުތަމަޢަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކުރުމުގެ މަޝްރޫޢުތައް އިތުރުކުރަންޖެހޭ ކަމަށެވެ. އަދި ދީނަށް ގޮވައިލުމުގައި ލުއިފަސޭހަ ގޮތްތަކުގައި ހިފުމަށާއި ހަރުކަށި ފިކުރުތަކާ ދުރުހެލިވުމަށްވެސް ހުތުބާގައި ގޮވާލި އެވެ.
ހުތުބާގައި ވަނީ، އެއްވެސް ޙުއްޖަތެއް ނެތި މީސްތަކުން ކާފަރުކުރުމާއި، ޓެރަރިޒަމަށް ވާގިވެރިވުމާއި، މުޖުތަމަޢު ބައިބައިކޮށް ނަފުރަތު އުފެދޭ ގޮތަށް ޢަމަލުނުކުރުމަށް ނަޞޭޙަތްތެރިވެފަ އެވެ. އަދި ޖަމާޢަތުގައި ނަމާދުކުރުމާއި، ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމުގެ އިޖުތިމާޢީ ރުކުން ދެމެހެއްޓުމަކީ މުޖުތަމަޢުގެ ބަދަހިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ބުންޏެވެ.
ޚުޠުބާ ބުނީ، ކޮންމެ ޢާއިލާއަކުން ވެސް ދަރިންނަށް އިސްލާމީ އަޚުލާޤާއި ތަރުބިޔަތު ދިނުމަށާއި، ކޮންމެ ފަރުދަކު ވެސް އަމިއްލަ ނަފުސުގައި އިސްލާމީ ޢަޤީދާ ހަރުލެއްވުމަށް އިލްތިމާސްކުރާ ކަމަށާއި ރަނގަޅު ފަރުދަކީ ރަނގަޅު ޢާއިލާއެއްގެ މުޑުވަކަށް ވެފައި، ރަނގަޅު މުޖުތަމަޢަކީ ރަނގަޅު ދައުލަތެއްގެ އަސާސް ކަމަށެވެ.


