ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއްގައި ނޫޅެވޭ ގޮތަށް އުމުރު ދުވަހަށް ސަސްޕެންޑްކުރަން ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ނިންމައިފި އެވެ.
ބައްސާމް، އުމުރު ދުވަހަށް ސަސްޕެންޑް ކުރަން ފީފާއިން މި ނިންމީ، ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއަށް ހިޔާނާތެރިވެ، އަމިއްލަ ބޭނުންތަކަށް ބޭނުންކުރި މައްސަލައިގަ އެވެ.
އެ މައްސަލައިގައި ބައްސާމް އުމުރު ދުވަހަށް ސަސްޕެންޑް ކުރުމާއެކު 1.23 މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ވެސް ފީފާ އިން ވަނީ ނިންމައިފަ އެވެ.
އެފްއޭއެމްގެ ރައީސްކަމުގައި ހުރި މުއްދަތުގައި ހިންގި ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވެ ބައްސާމް މިހާރުވެސް ގެންދަނީ ޖުމުލަ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާއި ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފަންޑު އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ހިޔާނާތްވި މައްސަލާގައި އިއްވި 23 އަހަރުގެ ޖަލު ހުކުމެކެވެ.


