ޖުލައި 6, 2024

”ޕީއެންއެފް“ ރަޖިސްޓްރީ ކުރަން އީސީ އަށް ހުށަހަޅާނީ ރައީސް ޔާމީން މިނިވަން ވުމުން: މަލީހް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފައްދަވާ އައު ޕާޓީ ”ޕީޕަލްސް ނެޝަނަލް ފްރަންޓް“ ރަޖިސްޓްރީކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނީ އެމަނިކުފާނު މިނިވަންވުމުންކަމަށް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ޕީޕީއެމުން ވަކިވެ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ނަމުގައި އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައިވަނީ ރައީސް ޑރ މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު ދެބޭފުޅުންގެދެމެދުގައި އުފެދުނު ނުތަނަވަސްކަމާއި ގުޅިގެންނެވެ. 

ކުރީގެ ރައީސް ޔަމީން ސަރުކާރުގެ ވަޒީރުކަން ވެސް ކުރައްވާފައިވާ މަލީހު މިއަދު “ ހަފްތާ“ އަށް ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ނިމިފައިވާކަމަށާއި، އެހެންނަމަވެސް ރައީސް ޔާމީން މިނިވަން ވުމުން ނޫނީ ޕާޓީ ރަޖިސްޓްރީކުރަން އީސީ އަށް ހުށަހަޅަން ބޭނުންނުވާކަމަށެވެ. ”ރައީސް ޔާމީން މިނިވަން ނުވުމަކީ އެންމެ ބޮޑު ކަންބޮޑުވުން. ރައީސް ޔާމީންގެ ޝަރީއަތް ކުރިޔަށް ނުގޮސް އޮތުމުން އޭގެން ދޭހަވަނީ ސަރުކާރުގެ ނުފޫޒު ކޯޓްތަކަށް ވަދެފައޮތް މިންވަރު.“ މަލީހު ”ހަފްތާ“ އަށް ވިދާޅުވިއެވެ.މަލީހު ވިދާޅުވީ ރައީސް ޔާމީންގެ ހައްގުގައި ނިކުމެ އެމަނިކުފާނު މިނިވަން ކުރުމަށް ބޭނުންވާ އެތައް ބަޔަކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބިކަމަށާއި އެއެންމެންގެ ހަގގައިވެސްު އެމަނިކުފާނު މިނިވަން ކުރަންޖެހޭކަމަށެވެ.

މަލީހު ވިދާޅުވީ ރައީސް ޔާމީން އެކަހެރި ކުރުމަކީ އެތަށް ރައްޔިތަކަށް ލިބުނު ބޮޑު ހިތާމައެއް ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމުގެ އުންމީދާއި އެކު ވޯޓު ދިން އެތައް ރައްޔިތުންގެ ހައްގު ގެއްލިގެން ގޮސްގެން ނުވާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.