ނޮވެމްބަރ 22, 2024

ބޭސްފަރުވާއަށް މީހުން މާލެ ގެންނަން ރައީސް ހުއްދަދޭކަށް ނުޖެހޭ: ޣައްސާން

ބޭސްފަރުވާއަށް އަތޮޅުތެރެއިން މީހުން މާލެ ގެންނައިރު، ރައީސްގެ ހުއްދަ ހޯދާކަށް ނުޖެހޭނެ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ގއ. ވިލިނގިލީ ހޮސްޕިޓަލްގައި އޮތް ހާލު ދެރަ ބަލި ކުއްޖަކު އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓްގައި މާލެ ފޮނުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުއްދަ ނުދެއްވި ކަމަށް ބުނެ ދެކެވުނު ވާހަކަތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ކުއްޖާ މޯލްޑިވިއަންގެ ފްލައިޓެއްގައި މާލެ ގެނެސް ފަރުވާދެނިކޮށް ވަނީ ނިޔާވެފަ އެވެ.

ޣައްސާން ވިދާޅުވީ މެޑިކަލް އިވެކްއޭޝަން އޮޕަރޭޝަންގެ އެސްއޯޕީގައި ރައީސުލްޖުމްހޫރިއްޔާ އަށް އެންގުމެއް، ހުއްދަ ހޯދުމެއް ނޯންނަ ކަމަށެވެ. އަދި އެއީ ކަމާ ގުޅޭ އިދާރާތަކުން ކޯޑިނޭޓް ކުރެވިގެން ހިނގާ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތަފާސްހިސާބުތަކަށް ބަލާއިރު، 2021 އިން ފެށިގެން މެޑިކަލް އިވެކުއޭޝަންގެ 93 ޕަސެންޓަކީ މޯލްޑިވިއަންގެ ފްލައިޓުން ގެންދިޔަ ބަލި މީހުން ކަމަށެވެ.

Leave a Reply