ސެޕްޓެމްބަރ 22, 2024

މަރުވި ކުއްޖާގެ ހާލު ސީރިއަސްވެ މާލެ ގެނައުމުގެ ކަންކަން ހިނގިގޮތުގެ ތަފްސީލު ދެއްވަން ރައީސް އެދިވަޑައިގެންފި

ގއ. ވިލިނގިލިން މާލެ ގެނައިފަހުން ނިޔާވި ކުއްޖާގެ ޞިއްޙީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލިން މާލެ ސިޓީއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ މައުލޫމާތު ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ޞިއްޙީ ފަރުވާ ދެމުން ގެންދަނިކޮށް، އުމުރުން 13 އަހަރުގެ ކުޑަ ކުއްޖެއްކަމުގައިވާ، ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު، ނިޔާވި ޚަބަރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެއްސެވީ ފުން ހިތާމައާއި ކަންބޮޑުވެވަޑައިގަތުމާ އެކު ކަަމަށް ރައީސް އޮފީހުން ބުންޏެވެ. މި ހިތާމަވެރި ވަގުތުގައި، މަރްޙޫމް މުޙައްމަދު ޖާހު ޚާލިދުގެ މައިންބަފައިންނަށާއި ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއެވެ.

މަރުޙޫމް މުޙައްމަދު ޖާހު ޚާލިދުގެ ޞިއްޙީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލިން މާލެ ސިޓީއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ މައުލޫމާތު ދެއްވުމަށާއި، މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވައިފައެވެ.

އަދި، ބަލި ޙާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ޙާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ޞިއްޙީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުޞޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް ޢަމަލުކުރަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އެދިވަޑައިގެންފައެވެ.

މިއަދު މި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ހެޔޮ ދުޢާތައް ވަނީ މަރުޙޫމް މުޙައްމަދު ޖާހު ޚާލިދާއި އެ މަރުޙޫމްގެ ޢާއިލާއާ އެކު ކަމަށް ރައީސް އޮފީހުން ބުންޏެވެ.