ޖުލައި 6, 2024

ވިލާތުގެ ގައުމުތަކަށް ދިވެހީންނަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތްތަކެއް ހޯދަނީ

ވިލާތުގެ ޤައުމުތަކަށް ދިވެހިންނަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތްތަކެއް ހޯދުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު މަޝްވަރާ ކުރައްވައިފިއެވެ.

ފޮރިން މިނިސްޓަރުގެ އަރިހަށް ފްރާންސްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖިއަން ފްރާންސޮއިސް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި
ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އިތުރު ދާއިރާތަކުން ގުޅުންތައް ވަރުގަދަކުރުމަށް މަޝްވަރާ ކުރެއްވިއެވެ.

މީގެއިތުރުން އިޤްތިޞާދީ ތަރައްޤީ، މޫސުމަށް އަންނަ ބަދަލުތައް އަދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަަން ކަށަވަރުކުރުމާއި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުންފަދަ މުހިއްމު ކަންކަމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިކަމަށްވެސް ބަޔާނުގައިވެއެވެ. އަދި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކުރުމުގެ އިތުރުން ދިވެހިންނަށް ފަސޭހައިން ޔޫރަަޕަށް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭގޮތުންވެސް ފްރާންސްގެ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރު މަޝްވަރާކުރެއްވިއެވެ.

ވިޔަފާރީގެ ދާއިރާގެ ތެރެއިން ގުޅުންތައް ބަދަހިކުރުމަށް ކުރެއްވި މަޝްވަރާގައި ވަނީ ރާއްޖެއިން ޔޫރަޕަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކުޑަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން ބޭރު ގައުމުތަކާ ކުރިއަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރަން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.